ކ.ގުރައިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ އެ މަސައްކަތްތައް ނިމިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 644,000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް، 15 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން 1،200 މީޓަރު ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ވަނީ ޖަހާފައެވެ.

އެ މަޝްރޫއު އަކީ ގުރައިދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެދިޔަ އެ މަޝްރޫއަކީ 85.04 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެ މަޝްރޫއު މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހެވެ.