ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ 61 މުވައްޒަފެއްގެ އަގު ވަޒަންކޮށް އެކަން ފާހަގަކޮށްފިއެވެ.
މިކަމަށް ބޭއްވި ހަފްލާގައި ބޭންކަށް 15 އަހަރާއި 35 އަހަރާ ދެމެދުގެ މުއްދަތަށް ހިދުމަތް ކޮށްދީފައިވާ 61 މުވައްޒަފަކަށް ވަނީ އެވޯޑު ދީފައެވެ. މި މުވައްޒަފުންނާ އެވޯޑު ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ.
މި ހަފްލާގައި ބީއެމްއެލް އަށް 35 އަހަރު ހިދުމަތް ކޮށްދީފައިވާ ބޭންކުގެ ކަސްޓަމާ ސާވިސް މެނޭޖަރު ޒުލްފާ މުހައްމަދާއި 30 އަހަރު ހިދުމަތް ކޮށްދީފައިވާ ބޭންކުގެ ހެޑް އޮފް ކަސްޓަމާ ޕްރޮސެސިން، ޝަމްސިއްޔާ އިބްރާހީމަށް ވަނީ ހާއްސަ އެވޯޑެއް ވެސް ދީފައެވެ.
ޓިމް ވަނީ ބީއެމްއެލްގެ މުވައްޒަފުން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަ ކުރައްވާ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްއަކީ 99 ޕަސެންޓު ދިވެހި މުވައްޒަފުން މަސައްކަތް ކުރާ ބޭންކެކެވެ. އެ ބޭންކުން އަންނަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާކޮށް މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ.
ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސާވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުންނެވެ