ސީރިއާގެ ދިމިޝްގުގައި މިލިޓަރީ އޮފިޝަލުންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދިޔަ ބަހަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 14 މީހުން މަރުވެއްޖެއެވެ.

މި ހަމަލާގައި 14 މީހުން މަރުވެފައި ވާއިރު 3 މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު ނަގާފައި ނުވާއިރު ބޮންގޮވި މަންޒަރު ވަނީ ޓީވީތަކުން ދައްކާފައެވެ.

ބޮން ގޮއްވާލާފައި ވަނީ މަގުތަކުގައި ގިނަ އަދަދަދެއްގެ ބަޔަކު ހަރަކާތްތެރި ވަމުން ދިޔަ ވަގުތެއްގައެވެ. ސްކޫލުތަކާއި ވަޒީފާތަކަށް މީހުން ދާ ވަގުތުގައި ދީފައިވާ މި ހަމަލާއަކީ 2011 ވަނަ އަހަރުގެ ތެރޭގައި އެގައުމުގައި ހިންގި ދާހިލީ ހަނގުރާމަ ފެށުނު ފަހުން ދީފައިވާ އެންމެ ވަރުގަދަ އެއް ހަމަލާއެވެ.

މި ހަމަލާ ދީފައި ވަނީ މަގުމަތީގައި ބޮންޔަކެއް ބަހައްޓައިގެން ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވާއިރު އެހެން ބައެއް ނޫސްތަކުން ބުނެފައި ވަނީ ބޮން ހަރުކޮށްފައި ވަނީ ބަހުގައި ކަމަށެވެ.