ޔޫކޭއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވި ފަހުން ރާގު ބަދަލުވެއްޖެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ"ގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު ޔޫކޭއިން ވަޑައިގަތުމަށް ފަހު ފެންނަނީ ކުރިން ފެންނަ ރައީސް ނަޝީދު ނޫން ކަމަށެވެ. އަދި މީގެ ކުރިން ނަޝީދު ވާހަކަ ދައްކަވަމުން ގެންދެވި ކަންކަމުގެ ރާގު ބަދަލު ކުރައްވައި، ވިސްނުންފުޅު ވަރަށް ބޮޑަށް ބަދަލުވި ތަން ފެނިގެންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ރައީސް ނަޝީދު މި ފަހަރު ޔޫކޭއިން ވަޑައިގެންނެވިއިރު އެއީ އަޅުގަނޑުމެންނަށް ކުރިން ފެނުނު ރައީސް ނަޝީދެއް ނޫން، ވަރަށް ބޮޑަށް ބަދަލުވެފައި އެމަނިކުފާނު ހުންނެވީ،"
މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް

އާދަމް ޝަރީފް އެއް މިސާލަކަށް ދެއްކެވީ އުތުރުތިލަފަޅު އެއްބަސްވުމުގެ މައްސަލައެވެ. މީގެ ކުރީގައި ނަޝީދު ވިދާޅުވަމުން ގެންދެވީ އެއީ މަޖިލީހަށް ކޮންމެހެން ހިއްސާ ކުރަން ޖެހޭ ލިޔުމެއް ނޫން ކަމަށެވެ. އެހެންނަމަވެސް މަޖިލީހަށް އެ އެއްބަސްވުން ހިއްސާ ކުރަން ޑިފެންސް މިނިސްޓްރީއަށް މިހާރު ވަނީ އަންގާފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގައި ހުންނެވި ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވި ނަމަވެސް މިހާރު މިސްރާބު ބަދަލުވެ ރައީސް ސޯލިހާއެކު ނަޝީދު ސިޔާސީ މަސައްކަތް ކުރައްވާ ކަން އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާ ކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށެވެ. އެއަށް ފަހު ޔޫކޭގައި ފަރުވާ ހޯދުމަށްފަހު މި މަހުގެ 11 ވަނަ ދުވަހު ވަނީ މާލެ ވަޑައިގެންފައެވެ.