ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރި އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ވަޑަގަންނަވާ ގޮތައް ނިންމަވައިފިއެވެ.

މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މީގެ އިތުރުން ރައީސް އޮފީހުން ބުނީ، އެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތައް ރައީސް ބައްލަވާލައްވާ އަދި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރައްވާނެ ކަމަށެވެ.

މާދަމާ ރައީސް އއ އަތޮޅަށް ދަތުރުފުޅު ކުރައްވާ އިރު މި މަހުގެ 15 ވަނަ ދުވަހު އެމަނިކުފާނު ވަނީ ތ. އަތޮޅު ކަނޑޫދޫއަށް ވަޑައިގެންފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފަށްޓަވައިދެއްވާ، ފާޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވުމުގެ އިތުރުން، ކާބޯތަކެތީގެ މައުރަޒު ހުޅުއްވައިދެއްވާ، ގައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.