ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރި ކަމުގައި ވިޔަސް، ފުލުހުންނާ ގުޅޭ ކަންތައްތަކުގައި ރައީސަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ހޯމް މިނިސްޓަރު ކަމަށް، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކަށް ރިފްއަތު މިހެން ވިދާޅުވެފައިވަނީ ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއެއް ނޫން ކަމަށް ބުނެ، ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރިކަން ހާމަކޮށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފޮނުއްވި ސިޓީއެއް ލީކުވުމާ ގުޅިގެންނެވެ.
ރިފްއަތު ވިދާޅުވީ ސަލާމަތީ ހިދުމަތްތައް ހިނގަން ޖެހޭނީ މިނިސްޓަރެއްގެ ބެލުމުގެ ދަށުން ކަމަށް ގާނޫނުއަސާސީގެ 140 އާއި 242، މި ދެ މާއްދާގައި ބުނެފައިވާ ކަމަށެވެ. އަދި މިނިސްޓަރުގެ ޒިންމާވެސް ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައި ވީހިނދު، ފުލުހުންނާ ގުޅޭ ކަންތައްތަކުގައި ރައީސަށާއި މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭނީ ހޯމް މިނިސްޓަރު ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރި ނަމަވެސް، ފުލުހުން ޖަވާބުދާރީވާން ޖެހޭނީ ހޯމް މިނިސްޓަރަށް ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.
އަލީ ޒާހިރު ސޮއި ކުރައްވާ އިމްރާނަށް ފޮނުއްވި ސިޓީގައިވާ ގޮތުން، ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ މިދިޔަ މާޗުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އެހެނިހެން މުއައްސަސާތައް ހިންގަމުން ގެންދިއުމަށްވެސް އެ ސިޓީގައި އިމްރާނަށް އަންގާފައިވެއެވެ.