އައިޖީއެމްއެޗަށް ދިމާވެފައިވާ ބަލިމީހުންގެ ކިޔޫގެ ދަތިކަމަށް ހައްލެއް ހޯދައި، މިހާރު އެ އަދަދު ދުވާލަކު ކުރިން ހުންނަ ވަރަށް ދަށް ކުރެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޑޮކްޓަރަށް ނުދެއްކި، ގިނަ ދުވަހު ކިޔޫގައި ބަލިމީހުން ތިބެން ޖެހުމުގެ ސަބަބުން، ގިނަ މީހުން ވަނީ އައިޖީއެމްއެޗަށް ފާޑު ކިޔާފައެވެ. މިމަހުގެ ކުރީކޮޅު، އައިޖީއެމްއެޗުން ހިދުމަތް ލިބިގަންނަން ތިބި މީހުންގެ ނަންބަރުތައް 10،000 އިން މަތީގައި ހުރިކަން ފެންމަތި ވުމާއެކު، އާންމުންގެ ގިނަ ފާޑުކިއުންތައް އައިޖީއެމްއެޗަށް އަމާޒުވިއެވެ.

މިކަމާ ގުޅިގެން، އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު "ދަ ޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބަލިމީހުންގެ ނަންބަރުތައް އިތުރުވާން ފެށީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ހާލަތު ރަނގަޅު ވުމަށް ފަހު، ޑޮކްޓަރުން ޗުއްޓީއަށް ދިޔަ ވަގުތު، ބަލިމީހުން ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހެއްދުން އިތުރުވުމާ ގުޅިގެން ކަމަށެވެ.

އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު --- ފޮޓޯ: އަލީ ޝަމްއާން / ދަޕްރެސް

ކޮވިޑުގެ ދުވަސްވަރު ވަރަށް ބުރަކޮށް ޑޮކްޓަރުން މަސައްކަތް ކުރިކަން ސިރާޖު ފާހަގަ ކުރެއްވިއެވެ. އެގޮތުން، އެ ދުވަސްވަރު ރަށްރަށަށް އައިޖީއެމްއެޗުން ގިނަ ޑޮކްޓަރުން ފޮނުވަން ޖެހުނު ކަމަށާއި، ހުޅުމާލެއަށްވެސް ގިނަ ޑޮކްޓަރުން ފޮނުވަން ޖެހުނުކަން ސިރާޖު ފާހަގަ ކުރެއްވިއެވެ. އެހެންވެ، ކޮވިޑުގެ ހާލަތުން އަރައިިގަނެވުނު އިރު، ހުރިހާ ޑޮކްޓަރުން ތިބީ ވަރުބަލިވެފައި ކަމަށް ސިރާޖު ވިދާޅުވިއެވެ.

"ފުރަތަމަ ކޮޅު އަޅުގަނޑުމެން 14 ރަށެއްގަ ބައިތިއްބަމުން ދިޔައީ މާލޭގެ އިތުރުން. ދެން ބައެއް ގެސްޓްހައުސްތައް ހުޅުމާލެއަށް ގެންނަން ޖެހުމުން އަނެއްކާ އެކޮޅުން ފެށީ، ދެން އެޗްއެމްއެފް އައުމާއެކު މުޅިތަން އެއްކޮށް އަޅުގަނޑުމެން ކަހަލަ ގޮތަކަށް ހުޅުމާލެއާ ޖޮއިން އެއް ގޮތުގަ ދިޔައީ، އެކަމަކު މެޑިކަލް ހުރިހާ އެންމެން ދިޔައީ މިކޮޅުން (އައިޖީއެމްއެޗުން). އެހެންކަމުން އަޅުގަނޑުމެން ހުރިހާ ޑޮކްޓަރުން މިތިބީ ވަރުބަލިވެފަ."
އަހުމަދު ސިރާޖު, ޑެޕިއުޓީ ސީއީއޯ/އައިޖީއެމްއެޗް

ސިރާޖު ވިދާޅުވީ ކޮވިޑުގެ ދަތި ދުވަސްވަރުގައި ޑޮކްޓަރުން ވަނީ އެއްވެސް ޗުއްޓީއެއް ނެގުމެއް ނެތި، މިދިޔަ ދޮޅު އަހަރު ދުވަހު މަސައްކަތް ކޮށްފައި ކަމަށާއި، ސަބަބަކީ ކޮވިޑުގެ ދަތި ދުވަސްވަރު ބޭރުން ޑޮކްޓަރުންނާއި ނަރުހުން ގެނައުމުގައި ދަތިތަކާ ކުރިމަތިވުމުން ކަމަށެވެ. އެއާއެކު، ކޮވިޑުގެ ހާލަތު ހަމައަކަށް އެޅުމުން، ހޮސްޕިޓަލުން ޑޮކްޓަރުންނަށް ޗުއްޓީ ދޭން ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސްް، ރަށްރަށުން ޑޮކްޓަރަށް ދައްކަން މީހުން އައީ އެވަގުތު ކަމަށް ވިދާޅުވިއެވެ.

"މިއޮއް ހުރިހާ ދުވަހު ޑޮކްޓަރަށް ނުދެއްކި ބޭސްސިޓީ އާކޮށްލައިގެން ތިބި އެތައް ބައެއް، މާލެއާއި ރާއްޖެތެރެއިން ތިން މަހުން ތިން މަހުން ޑޮކްޓަރަށް ދައްކަންޖެހޭ ވަރަށް ގިނަ ޕޮޕިއުލޭޝަނެއް އެބައުޅޭ އަޅުގަނޑުމެންގެ ތެރޭ. އެ އެންމެން މި މޫވް އިން ކުރީ އަސްލު. ކުރީމަ މިވީގޮތަކީ ޓަސްލާފަ އޮވަލެޕްވީ." އޭނާ ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ، އެހެންވެ، ބަލިމީހުންނަށް ޑޮކްޓަރަށް ދެއްކުމުގައި ދަތިތަކާ ދިމާވި ކަމަށާއި، ނަމަވެސް މިހާރު އެ ހާލަތު ހަމައަކަށް އެޅި، އެއްވަރެއްގައި ހިފެހެއްޓެމުންދާ ކަމަށެވެ.