މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން މިނިވަންވެ މުޖުތަމައަށް ދޫވާ މައްސަލަ މަޖިލީހަށް ހުށައަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
މި މައްސަލަ ހުށައަޅަމުން އާދަމް ޝަރީފު ވިދާޅުވީ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަހުގީގީ މަރުހަލާ އާއި ކޯޓު މަރުހަލާއިން މިނިވަންވެ މުޖުތަމައަށް ދޫވެ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭތަން ފެންނަމުންދާ ކަމަށެވެ.
މީގެ އިތުރުން، ގިނަ އަދަދެއްގެ މަސްތުވާކެއްޗާއެކު ހައްޔަރުކުރާ މީހުން ރާއްޖެއިން ބޭރަށް ފުރައިގެންދާ އިރު ވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަަމަށާއި އެފަދަ ފަރާތްތަކުން ދުނިޔޭގެ ބޮޑެތި ޑްރަގް ނެޓްވޯކްތަކާ ގުޅިގެން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ މަސްތުވާތެކެތީގެ ހަބަކަށް ރާއްޖެ ވެގެންގޮސްފައިވާ ކަމަށްވެސް އާދަމް ޝަރީފްގެ ހުށައެޅި މައްސަލައިގާ ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި އިރު ފުލުހުން މިދިޔަ ހަފްތާގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 10 މީހުންގެ ތެރެއިން 2 މީހުން ވަނީ ދޫކޮށްލާފައެވެ. އަދި ރ. އަތޮޅު ފުލުހުންނާ ގުޅިގެން މިދިޔަ ހަފްތާގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެއްޗާއިއެކު ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.