ފުލުހުންގެ ހިދުމަތް މިހާރު ހިންގަނީ ވަޒީރުންގެ މަޖިލީހުގެ ކޮން ވަޒީރެއްގެ ބެލުމުގެ ދަށުންކަން ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާ ކަން ހާމަކޮށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މި މަހުގެ 14 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއް ލީކުވުމާ ގުޅިގެންނެވެ.

އެ ސިޓީގައި ބުނެފައި ވަނީ ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއެއް ނޫން ކަމަށެވެ. އެހެންކަމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް އެ ސިޓީގައި ބުނެއެވެ.

މިކަމާ ގުޅިގެން އިތުރަށް އުޝާމް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ފުލުހުންގެ ހިދުމަތް ނުހިންގޭނެކަން ގާނޫނު އަސާސީގެ 242 އަދި 140 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވަނީ ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ޖެހޭނެ ކަމަށްވެސް ބުނެއެވެ.

މީގެ އިތުރުން، ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުސްތަގިއްލު މުއައްސަސާތަކާއި، ގާނޫނަކުން އުފައްދާ މުސްތަގިއްލު އެހެން މުއައްސަސާތައް ފިޔަވައި، ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ގާއިމްކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުންނަން ވާނެ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު މެ އެ މެންބަރަކާ ކޮންމެ އިދާރާއެއްގެ ނުވަތަ ކޮންމެ މުއައްސަސާއެއްގެ ހިންގުމަށް ޒިންމާ އުފުލައި ޖަވާބުދާރީ ވާންވާނެ ކަމަށެވެ.