ކޮވިޑް-19 ޖެހިގެން 3 މަހުގެ ކުއްޖަކު ގދ. ތިނަދޫން މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ މަރުވީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. މަރުވެފައި ވަނީ ތިން މަހުގެ ފިރިހެން ކުއްޖެކެވެ.

މިއީ ރާއްޖޭގައި ކޮވިޑްގައި މަރުވި އެންމެ ހަގު ކުއްޖާއެވެ.

މިއާއެކު ތިނަދޫގައި ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 6 އަށް އަރާފައެވެ. އަދި ރާއްޖޭގައި ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 239 އަށް އަރައިފައެެވެ.

އިއްޔެ ރާއްޖެއިން އިތުރު 77 ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 86،165 އަށް އަރާފައެވެ. އަދި މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1287 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 12 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.