ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމު ފުރުއްވި މަރިޔަމް ޒުލްފާއަށް ޖީއެމްއާރް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަން ކުރެއްވި ގޮތް ރަނގަޅުވެ އެވާހަކަ ދައްކަވައިފިއެވެ.
ޒުލްފާ މިހެން ވިދާޅުވެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިން މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު ކްލަބް ހައުސްގައި ހިއްސާ ކުރައްވަމުންނެވެ. ޒުލްފާ ވިދާޅުވީ، ޖީއެމްއާރަށް ދިވެހި އެއާޕޯޓް ދިނުމަށް އޭރު މިނިސްޓަރު މަގާމުގައި ހުންނެވި އިރުވެސް އޭނާ ހުންނެވީ ދެކޮޅަށް ކަމަށާއި ޖީއެމްއާރް ބޭރު ކުރުމަކީ އޭރުވެސް އޭނާ ކުރައްވަން ހިތާ ހިތުން ނިންމަވައިގެން ހުންނެވި ކަމެއް ކަމަށެވެ.
ޖީއެމްއާރްގެ އެގްރިެމންޓްގައި ހުރި ކަންކަމަށް ބަލާއިރު އެއީ ވަރަށް ވަނދުކޮށް ނިންމާފައިވާ ކަމެއްގެ ގޮތުގައި ޒުލްފާ ސިފަކުރެއްވިއެވެ. އަދި އެކަމާ ގުޅޭ ގޮތުން އޭރު ރައީސް ނަޝީދާ ސުވާލު ކުރެއްވުމުން އެފަދަ "ފީކަޅާ އެގްރީމެންޓެއް" ހެދީ އެވަގުތު 78 މިލިއަން ޑޮލަރު ރައީސް ނަޝީދު ބޭނުންވެވަޑައި ގަތުމުން ކަން އެނގިވަޑައިގެންނެވި ކަމަށް ޒުލްފާ ވިދާޅުވިއެވެ. ނަމަވެސް ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި ބޮޑު އަގެއް ދީގެން "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ލިބިގެން ދިއުމަކީ ވަރަށް ރަނގަޅަށް ކުރެއްވި ކަމެެއް ކަމަށް ޒުލްފާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އެއާޕޯޓް ދިގު މުއްދަތަކަށް ޖިއެމްއާރަށް ކުއްޔަށް ދިނުމަކީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ބުރޫ އަރާނެ ކަމެއްގެ ކަމަށް ޒުލްފާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ކަމަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި ވެސް އެފަދަ ކަންކަމުގައި ދެކޮޅު ހައްދަވާފައި ހުންނާނެ ކަމަށް ޒުލްފާ ވިދާޅުވިއެވެ.
ޒުލްފާ މިފަދައިން ވިދާޅުވެފައިވާ އިރު ރައީސް ނަޝީދު ވިދާޅުވީ، ހުޅުލެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް 2010 ވަނަ އަހަރުގައި ވޯލްޑް ބޭންކްގެ އެހީގައި ޓެންޑާ ކޮށްގެން ކާމިޔާބު ކުރި ޖީއެމްއާރަށް ހަވާލު ކޮށްފައި ވަނީ ރާއްޖޭގެ އިގްތިސޯދު ދެ ގުނައަށް އިތުރު ކުރުމުގެ ނިޔަތުގައި ކަަމަށެވެ. އޭރުވެސް މިހާރު ވެސް މާހިރުން ބުނަމުން ދަނީ ބޭނުންވަނީ ޓާމިނަލް ބޮޑުކޮށް އަލުން ބިނާކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޖީއެމްއާރް މައްސަލައާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ދިވެހިންގެ އެއާޕޯޓް ދިވެހިން ހިންގައިގެން ފައިދާ ނެރެމުން ދާ އިރު ފައިސާ ކޮޅަކަށް ދޮށި ވިއްކާލުމަށް ވުރެ، ކޮންމެ ދުވަހަކު ދާ އޮހޮރައިގެން ދޮށިން ނެރެވޭ އާމްދަނީ މާ ބޮޑު ވާނެ ކަމަށެވެ. ޖީއެމްއާރުން އަޅަން ފެށި ޓާމިނަލް ނިންމަން ދޫކޮށްލި ނަމަ، ދެވަނަ ރަންވޭއެއް އަޅާނެ ޖާގަ ގެއްލުނީސް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ޖީއެމްއާރް ކުންފުންޏަށް ދިގު މުއްދަތަކަށް އެއާޕޯޓް ދިނުމަށް ނިންމީ ޖޫން 28، 2010 ގައެވެ. ޖީއެމްއާރްގެ އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކުރީ ނޮވެމްބަރު 27، 2012 ގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ. ދިވެހި ސަރުކާރުން އިސްވެ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހުނު ހުރިހާ ފައިސާ އެއް ދެއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
2010 ގައި ޖީއެމްއާރަށް އެއާޕޯޓު ދިން ހިސާބުން ފެށިގެން އެއާޕޯޓު އަތުލުމާ ހަމައަށް ޖީއެމްއާރުން ސާފު ފައިދާގެ ގޮތުގައި ދީފައި ވަނީ، 2010 ވަނަ އަހަރު 433 މިލިއަން ރުފިޔާއެވެ. އަދި 2011 ވަނަ އަހަރު 341 މިލިއަން ރުފިޔާއަށް ވެއްޓުނު އިރު ޖެހިގެން އައި 2012 ވަނަ އަހަރު ފައިދާގެ ގޮތުގައި ބައިރުފިޔާއެއްވެސް ދައުލަތަށް ނުލިބެއެވެ. ނަމަވެސް އެއާޕޯޓު އަތުލައި އެމްއޭސީއެލްއިން ހިންގަން ފެށި 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ފައިދާ ހުރީ 1 ބިލިއަން ރުފިޔާއަށް ވުރެ މަތީގައެވެ.
އެގޮތުން ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ދައްކަން ޖެހޭ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލުން ނިންމި، 271 މިލިއަން ޑޮލަރު (4.18 ބިލިއަން ރުފިޔާ) ޔާމީންގެ ސަރުކާރުން ދެއްކީ އެއް ފަހަރާއެވެ. އެގޮތަށް އަމަލުކުރީ ޖީއެމްއާރުން ނަގާފައި އޮތް ލޯނަކަށް އިންޓަރެސްޓްތަކެއް އަރަމުން ދާތީ އެކަމުން ދައުލަތުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ނޮވެމްބަރު 15، 2016 ގައެވެ.
ޖީ އެމްއާރު ސޮއިކުރި މިނިސްޓަރު މިހާރު ހުރީ ލަންކާއިން ބިންގަނެގެން އެތަނުގަ. އެންމެ. އަގުބޮޑު ދަނޑުތަކާ ބިންތައް ގަނެގެން އޭނަ ހިތުން މި ދުނިޔެ ނިމުނީމަ ނިމުނީ ކަމަށް ބަލައިގެމް ރަނގަޅަށް ވެއްޖެއްޔާ ދީން ވެސް ބަދަލުމޮއްގެން އުޅެނީ.މި ތަނުގެ ކަޓް ކެނެރީގޭ ނަޝީދަށް ވެސް ލިބެމުން ދަނީ