މި އަހަރު ރާއްޖެ އަންނާނެ ކަމަށް ޓާގެޓްކުރި ފަތުރުވެރިންގެ 90 ޕަސަންޓް މިހާތަނަށް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރު މިހާތަނަށް 923،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އެއީ މި އަހަރުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ލަފާކުރާ އެއް މިލިއަން ޓޫރިސްޓުންގެ 90 ޕަސަންޓް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 93 ޕަސަންޓް މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

2019 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ގޮތުގައި ރިޕޯޓު ކޮށްފައި ވަނީ 1،702،887 އެވެ. ނަމަވެސް ކޮވިޑް ބަލި ހާލަތާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމާއެކު މިދިޔަ އަހަަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސް މިދިޔަ އަހަރު ރާއްޖެއަށް އައިސްފައި ވަނީ 555،494 ފަތުރުވެރިންނެވެ.

އިގްތިސޯދު ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ފަށާ ޓޫރިޒަމަށް ބަންދު ކުރި ދޮރުތައް މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލައި، ސަރުކާރުން އަންނަނީ ގިނަ ކެމްޕޭންތަކެއް ކުރަމުންނެވެ. މި ކެމްޕޭންތައް ކުރަމުން އަންނަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ދިމާކޮށް މި ސިނާއަތް ކުރިއެރުވުމުގެ މަގްސަދުގައެވެ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭނީ އަންނަ އަހަރުއެވެ.