ވ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ސަން ޝިޔާމް އޮޅުވެލި ރިސޯޓު ކައިރިން ކަނޑުވި ހާދިސާގައި ކަނޑަށް ވެއްޓި ގެއްލުނު ހަތަރު އަހަރުގެ ކުޑަކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ހާދިސާގައި ގެއްލުނު ހަތަރު އަހަރުގެ ޖުޔަލް ޖިނާހު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެމްއެންޑީއެފުން ރޭ އެދިފައިވާއިރު، ޖުޔަލް ހޯދުމަށްޓަކައި ކޯސްޓު ގާޑުގެ ޝިޕް ޝަހީދު އަލީ ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެހެންވެ، އެ ސަރަހައްދުން ދަތުރު ކުރަމުންދާ އުޅަނދު ފަހަރާއި ރަށްރަށުން، ޖުޔަލްގެ ހަބަރެއް ވޭތޯ ބަލައިދިނުމަށާއި، ޖުޔަލްގެގެ ހަބަރެއް ވެއްޖެ ނަމަ، ލަސްނުކޮށް އެ މައުލޫމާތު ހިއްސާ ކުރަންވެސް ވަނީ އެމްއެންޑީއެފުން ރޭ ވަނީ އެދިފައެވެ.

ޖުޔަލް ހޯދުމަށްޓަކައި މީހަކު ގެއްލުމުން ހޯދުމަށް ބޭނުންކުރާ ހުރިހާ ވަސީލަތެއް ބޭނުންކުރަމުންދާ ކަމަށާއި، ނަމަވެސް ކަނޑު ގަދަވެ، އެ ސަރަހައްދަށް ވިއްސާރަ ވުމުގެ ސަބަބުން، އެ މަސައްކަތުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.

ލޯންޗެއް ކަނޑުވި މި ހާދިސާގައި ކަނޑަށް ވެއްޓުނު ތިން މައިންގެ ތެރެއިން ޖުޔަލް އަދިވެސް ފެނިފައި ނުވާ އިރު އެ ހާދިސާގައި އެކުއްޖާގެ މަންމަ މ. ގްރީން ޕީކް، މަރިޔަމް ނާހިދާ ވަނީ ނިޔާވެފައިއެވެ. އޭނާގެ ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާ އިރު އުމުރުން 33 އަހަރުގެ ނާހިދާގެ ޖަނާޒާ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.