އަންނަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ރަށްތަކަށް ވައި މަޑުވާން ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށް، މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.
ރާއްޖޭގެ އެކި ރަށްރަށަށް ވައި ގަދަވެ، މޫސުން ގޯސްވެފައިވާއިރު، އިއްޔެވެސް ކަނޑުމަތީގައި ތިން ހާދިސާއެއް ހިނގައި، އޭގެ ތެރެއިން އެއް ހާދިސާއެއްގައި މީހަކު ނިޔާވެ، ކުޑަކުއްޖެއް ވަނީ ގެއްލިފައެވެ.
މީގެ އިތުރުން، ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ޖަހާފަ ހުރި ބެރިކޭޑުތަކެއް އިހަކަށް ދުވަހު އެއްލާލިއިރު، ވައި ގަދަވުމުގެ ސަބަބުން ހިޔާ ފްލެޓް ސަރަހައްދުގައި ޕާކު ކޮށްފަ ހުރި އުޅަނދުތަކަށް ގެއްލުން ލިބިފައިވާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އަދި އެ ސަރަހައްދުގައި ވަޔާ އެކީ ޓިނުތަކާއި އެހެނިހެން ތަކެތިވެސް ބުރައިގެންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، ވައި ގަދަވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 7:30 އިން ފެށިގެން ހަވީރު 4:30 އާ ހަމައަށް، އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައެވެ.
މިއަދު ނެރުނު ޔެލޯ އެލާޓުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ. މެޓުން ބުނީ މޫސުން ގޯސްވެފައިވަނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކަމަށެވެ.
ނަމަވެސް، އަންނަ އަންގާރަ ދުވަހުން ފެށިގެން، ރާއްޖޭގެ ރަށްތަކަށް ޖެހޭ ވައި މަޑުވެ، މޫސުން ރަނގަޅުވާން ފަށާނެ ކަމަށް، މެޓުން ބުންޏެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްވެ، ވައިގަދަ ދުވަސްވަރަކަށް ވުމުން، މެޓާއި އެމްއެންޑީއެފުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް އަޅާފައި ހުރިތޯ ބެލުމަށް އެމްއެންޑީއެފުން އެދެއެވެ.