މީގެ ތިން ދުވަހެއް ވަރު ކުރިން މާލޭގެ މަދަރުސާއެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ބަލައި ނިމެންދެން، އެ އަމަލު ހިންގި އެ މަދަރުސާގެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނީ، މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންވެސް ބުނެފައި ވަނިކޮށެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބުމާއެކު، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި، އެ މައްސަލައިގެ މައުލޫމާތު ލިބުމާއެކު، މިނިސްޓްރީން ވަނީ ވަގުތުން ފިޔަވަޅު އަޅާފައި ކަމަށެވެ.

އެގޮތުން އެ މައްސަލަ ބެލުމަށްޓަކައި ތަހުގީގީ އިދާރާ އާ އެ މައްސަލަ ހަވާލު ކުރެވިފައިވާ ކަމަށާއި، އެ މައްސަލަ ބަލައި ނިމެންދެން އެ މުވައްޒަފު ސަސްޕެންޑު ކުރަން ނިންމާފައި ވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ފުލުހުން ބުނީ މިފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މި މައްސަލާގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ އެ މަދަރުސާގައި ކިޔަވަމުންދާ ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ އެ މަދަރުސާގައި މަސައްކަތްކުރާ އަންހެނެކެވެ.

ދާދި ފަހުން އުތުރުގެ ރަށެއްގައި 11 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، އެ މައްސަލައާ ގުޅިގެން 37 އަހަރުގެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.