ޗައިނާ ސަރުކާރުގެ އެދުމުގެ މަތިން އެޕަލް ކުންފުނިން އެގައުމުގެ އެޕްސްޓޯރުން ގުރުއާން މަޖީީދު އެޕް ނަގައިފިއެވެ.
މިކަމާ ގުޅިގެން އެޕަލް ކުންފުނިން ބުނީ މީހުންގެ ދީންތަކަށް އެކުންފުނިން އަބަދުވެސް އިހުތިރާމް ކުރާނެ ކަމަށެވެ. އަދި އެ ޔަގީންކަން ޗައިނާގައި ދިރިއުޅެމުންދާ އެންމެހާ މުސްލިމުންނަށް ދެމުން ގެންދާނެ ކަމަށް ވެސް އެޕަލްއިން ވަނީ ބުނެފައެވެ.
ގުރުއާން މަޖީދު އެޕް ޗައިނާގެ އެޕްސްޓޯރުން ނެގުމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ޗައިނާގެ އިތުރުން އެޕަލްއަށް އަމާޒުވެފައި ވާއިރު އެ ކުންފުނިން ބުނީ އެޕް ނަގާފައި ވަނީ ޗައިނާގެ ގާނޫނުތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
މި އެޕްލިކޭޝަނަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުން އެތައް ބަޔަކު ބޭނުން ކުރަމުން އަންނަ, މީހުންގެ އިތުބާރު ލިބިފައިވާ އެޕްލިކޭޝަނެއް ކަމަށް އެޕަލް ކުންފުނިން ބުނެފައި ވާއިރު ޗައިނާއިން ބުނެފައި ވަނީ ޗައިނާގެ ގުރުއާން މަޖީދު އެޕް ނަގާފައި ވަނީ ދީނީ ހަމަނުޖެހުން އުފެދިގުން ދިއުމުގެ ފުރުސަތު ބޮޑު ވުމުން ކަމަށެވެ.
މީގެ އިތުރުން މި އެޕަކީ ގާނޫނާ ހިލާފަށް ދީނީ ލިޔުންތަކެއް ހިމެނޭ އެޕްލިކޭޝަނެއް ކަމަށް ބެލެވޭ ކަމަށް ވެސް ޗައިނާއިން ބުނެފައި ވެއެވެ.
މި އެޕްލިކޭޝަނަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި 40 މިލިއަން މުސްލިމުން ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަނެކެވެ. މި މައްސަލައާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ ޗައިނާ ސަރުކާރަކީ މުސްލިމުންނަށް އަނިޔާވެރި ވާ ސަރުކާރެކެވެ. އެގޮތުން ޗައިނާގެ އުއިގޫރުގެ މުސްލިމް އެތައް ހާސް ބަޔަކަށް ފިއްތާ ދަތިކޮށް ކޮށިތަކަށް ލާ، ލާއިންސާނީ އަނިޔާ ދެމުން ދާ ވާހަކަ އަކީ މަޝްހޫރު ވާހަކައެކެވެ.