މޫސުން ގޯސްވުމުގެ ސަބަބުން، މުޅި ރާއްޖެއަށް ވައިގަދަވާނެ ކަމަށް ބުނެ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ނެރުނު ޔެލޯ އެލާޓުގެ ވަގުތު އަށް ގަޑިއިރަށް އިތުރު ކޮށްފިއެވެ.

ލާމު އަތޮޅުގެ ރަށްރަށުން ފެށިގެން ދެކުނުގެ ރަށްރަށަށް ވައި ގަދަވުމުގެ ސަބަބުން އިއްޔެ ހަވީރު 4:30 އިން ރޭ ދަންވަރު 12:30 އާ ހަމައަށް ޔެލޯ އެލާޓު ނެރެފައިވާއިރު، ދެކުނުގެ ރަށްތައް ހިމެނޭ ގޮތަށް، މެޓް އޮފީހުން ވަނީ ފަހުން ޔެލޯ އެލާޓު ނެރެފައެވެ.

އެގޮތުން، ރޭ ދަންވަރު 12:30 އިން މިއަދު ހެނދުނު 8:30 އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ނެރުނު ޔެލޯ އެލާޓުގައިވާ ގޮތުން، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ނަމަވެސް، ވައި ގަދަވެ، މޫސުން ގޯސްވެފައިވާތީ މެޓުން ވަނީ ރޭ މުޅި ރާއްޖެއަށް ނެރުނު ޔެލޯ އެލާޓުގެ ވަގުތު އިތުރު އަށް ގަޑިއިރަށް އިތުރު ކޮށްފައެވެ.

ވައި ގަދަވުމުގެ ސަބަބުން އިއްޔެ ރަސްފަންނާއި އައިޖީއެމްއެޗް ސަރަހައްދަށް ލޮނު ބުރާފައިވާއިރު، ހުޅުމާލެ ސެންޓްރަލް ޕާކުގެ ސަރަހައްދެއްގައި ފުލުހުން ބަހައްޓާފައި ހުރި ބެރިކޭޑުތަކެއް ވަޔާއި ދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ.

އެހެންކަމުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެއެވެ.