ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ތ. ކަނޑޫދޫގައި ފައްޓަވައިދެއްވައި، ފާޓިގޭޝަން ސިސްޓަމް އެރަށުގައި އިފްތިތާހް ކޮށްދެއްވައިފިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެރަށު ކައުންސިލުގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗާ އާއި ގުޅިގެން އިންތިޒާމުކުރި ކާބޯތަކެތީގެ މައުރަޒުވެސް ހުޅުވައި ދެއްވާފައެވެ.

ފުޑް ސެކިއުރިޓީ ޕްރޮގްރާމް، ކަނޑޫދޫގައި އިފްތިތާހް ކުރެއްވުމުގެ ގޮތުން ރައީސް ވަނީ ކަނޑޫދޫގެ ތިން ދަނޑުވެރިއަކާ ގަސް ހަވާލުކޮށްދެއްވާފައެވެ. އަދި ތިމާވެއްޓާ ރައްޓެހި އޯގަނިކް ގަސްކާނާއާއި ބޭހުގެ ޕެކޭޖް ރައީސް ވަނީ ކަނޑޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ހަވާލުކޮށްދެއްވާފައެވެ.

ކާބޯތަކެތީގެ މައުރަޒު ހުޅުވައިދެއްވުގެ ރަސްމިއްޔާތުގެ ތެރެއިން، އެގްރޯނެޓުން ތައްޔާރުކޮށްފައިވާ ދަނޑުވެރިކަމާގުޅޭ އަތްމަތީ ފޮތެއް ރައީސް ވަނީ ނެރެދެއްވާފައެވެ. ކަނޑޫދޫ ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗާ އާއި ގުޅިގެން މިމަހުގެ 15 އިން 16 އަށް ކަނޑޫދޫގައި ކުރިޔަށްގެންދާ ކާބޯތަކެތީގެ މައުރަޒަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ޕްރޮމޯޓްކޮށް އިސްތިހާރުކުރުމަށާއި އެއްތަނަކުން ފެންނަގޮތް ހެދުމާއި އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ދައްކާލުމުގެ ގޮތުން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ތ. އަތޮޅުގެ ހަތަރު ރަށެއްގެ ސްޓޯލްތަކާއި އެގްރޯނެޓާއި ކަނޑޫދޫގެ ދެ ސްޓޯލެއް ވެސް ހިމެނެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައީސްގެ އޮފީހާއި ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.