ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި ހޯދީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ އޮޕަރޭޝަނުގައި 10 ތަނެއް ބަލާ ފާސް 10 މީހަކު ހައްޔަރުކޮށްފައި ވާ ކަމަށް ޕޮލިސް ކޮމިޝަރު ވިދާޅުވިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 19 އަހަރުގެ މީހަކާ، 24 އަހަރުގެ ދެ މީހުންނާ، 25 އަހަރު، 26 އަހަރު، 27 އަހަރު، 30 އަހަރު، 34 އަހަރު، 35 އަހަރުގެ މީހަކާ އަދި 61 އަހަރުގެ މީހެއް ކަމަށެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ދެ ބިދޭސީން ކަމަށާ، އެ އެންމެންނަކީ ވެސް ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

އެ އޮޕަރޭޝަނުގައި، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާ ބައެއް ފަޅުރަށްތައް ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް، ތިން މީހެއްގެ ބަންދަށް 10 ދުވަސް، އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ދީފައި ވެއެވެ. އަދި އަނެއް ދެ މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ ދެ މީހުން ދޫކޮށްލުމުން އިސްތިއުނާފު ކުރުމަށް އެދި މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.