ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެމާޓްމެންޓަކަށް 6 ލައްކަ ރުފިޔާގެ ފެން ބިލެއް ފޮނުވާފައި ނުވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ނަމަށް ފެން މީޓަރުގެ ރަޖިސްޓްރީ ބަދަލުކޮށް، އެ ކުންފުނިން ބިލް ކުރަމުން ދާ ކަމަށެވެ.

ނަމަވެސް ފެން ބިލު އާދަޔާ ހިލާފަށް ބޮޑުވެފައި ވާކަން ފާހަގަ ވާނަމަ، އެ ފްލެޓެއްގެ ވެރިފަރާތަށް ގުޅާ އެކަން އެފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުން ދާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެގޮތުން ފްލެޓްތަކުގެ ރީޑިން ނަގާ ބިލް ކުރަން ފަށާފައިވީ ނަމަވެސް، އާދަޔާ ހިލާފަށް ފެން ބިލު ބޮޑުވެފައިވާ ފްލެޓް ތަކަށް ބިލު ކޮށްފައި ނުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މީޑިއާގައި މިހާރު ދައުރުވަމުން ދާ ހަ ލައްކަ ރުފިޔާގެ ފެން ބިލަކީ އެކުންފުނިން ފޮނުވާފައިވާ ބިލެއް ނޫން ކަމަށެވެ.

އޭގެ އިތުރުން އެ ކުންފުނިން ވަނީ ފެން ބިލުގެ މައްސަލައެއް އުޅޭކަން ފާހަގަވާނަމަ، ކުންފުނީގެ ހޮޓްލައިން ނަންބަރު 105 މެދުވެރިކޮށް ކޯލް ސެންޓަރަށް ހުށަހެޅުމަށް އެދިފައެވެ.