އަންނަ ހަފްތާގައި އެޕަލް ކުންފުނިން ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ އިވެންޓުގައި އެ ކުންފުނީގެ އާ މެކްބުކް ދައްކާލުމަށް ނިންމާފައިވާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެ ކުންފުނީގެ ހާއްސަ އުފެއްދުމެއް މި މަހުގެ 18 ވަނަ ދުވަހު ދައްކާލުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަ ކޮށްފައިވާއިރު އެއީ އެޕަލްގެ އާ މެކްބުކް ދައްކާލާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދެމަސްދުވަހުގެ ތެރޭގައި އެ ކުންފުނިން މިފަދަ ދެވަނަ އިވެންޓެއް ބޭއްވުމަށް ނިންމާފައިވާއިރު އާ އެއާޕޮޑެއް ނެރުމަށް ނިންމާފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އެޕަލްއިން މިހަބަރުތައް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އާ ކުލަތަކާއި އެކު އެންމެ ފަހުން ނެރުނު އައިފޯން 13 ސީރީޒްގެ ފޯނުތައް އެޕަލް އިން ދައްކާލާފައިވަނީ މިދިޔަ މަހުގެ 14 ގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ ވާޗުއަލް އިވެންޓެއްގައެވެ. އަދި 24 ގައި ވަނީ ބާޒާރަށް ނެރެފައެވެ.

އާ އޭ15 ބައޮނިކް ޗިޕާއި އެކު 5ޖީ ވެސް ހިމެނޭ އައިފޯން 13 ސީރީޒްގެ ފޯނުތަކުގެ ކެމެރާ އަށް ބަދަލުތަކެއް ގެނެވިފައިވާއިރު، ކޮލިޓީ ރަނގަޅު ވީޑިއޯ ނެގޭނެ ސިނަމެޓިކް މޯޑްވެސް ވަނީ އާ އައިފޯނާ އެކު ތައާރަފް ކޮށްފައެވެ.

ދުނިޔޭގެ ފެންވަރުގައި ކުރިމަތިލާންޖެހިފައިވާ ކޮމްޕިއުޓާ ޗިޕް ސަޕްލައިގެ ދަތިކަމާއެކު، އައިފޯން 13 ގެ ޔުނިޓްތައް އުފައްދާ މިންވަރަށް ހީނަރުކަމެއް އައުން އެކަށީގެން ވާ ކަމުގެ އަޑުތައް ފެތުރިގެން ދިއުމާއެކު، އެޕަލް ކުންފުނީގެ ހިއްސާގެ އަގުތައް ވަނީ ވެއްޓިފައެވެ.