ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރީތީގެ ރާނީގެ މުބާރާތް ކާމިޔާބު ކުރާ ފަރާތަކަށް 2021 ވަނަ އަހަރުގެ މިސް ޔުނިވާސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ޔޫއޭއީން ނިންމައިފިއެވެ.

ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ޔޫއޭއީ ތަމްސީލު ކުރުމަށްޓަކައި ރީތީގެ ރާނީއަކު ހޮވުމަށް ނިންމާފައިވާއިރު މުބާރާތުގައި ބައިވެރިވެވޭނީ ޔޫއޭއީގައި ދިރިއުޅޭ 18 އަހަރާ 28 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ.

މިކަމާ ގުޅިގެން އެގައުމުން ބުނެފައިވަނީ އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް ކާމިޔާބު ކުރާ ފަރާތަކީ އެގައުމަށް ނިސްބަތް ނުވާ ފަރާތަކަށް ވީ ނަމަވެސް އެގައުމު ތަމްސީލު ކުރާނީ އެ މުބާރާތް ކާމިޔާބު ކުރާ ފަރާތަކުން ކަމަށެވެ.

ޔޫއޭއީން ބައްވާ މި މުބާރާތުގައި އެހެން ގައުމުތަކުގައި ބާއްވާ ރީތީގެ ރާނީންގެ މުބާރާތާ ހިލާފަށް ބައެއް ހުނަރުތައް ދައްކާލުން އުނިކުރެވިފައިވާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެގޮތުން ސްމިވްވެއާއަށް ހާއްސަ އެއްވެސް ބައެއް ހުނަރުތައް ދައްކާލުމުގައި ނުހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2021 ވަނަ އަހަރުގެ މިސް ޔުނިވާސް ޑިސެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްރާއީލުގައެވެ.