ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޮޓަލް ޖެންގައި ހުންނެވުމަށް ހަރަދުކުރަނީ ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމަނިކުފާނަށް ހާއްސަކުރާ ގެކޮޅަށް ވީހާވެސް އަވަހަށް ބަދަލުވެވަޑައިގަތުމަށް ކަމަށެވެ. އަދި އެމަނިކުފާނު ޖެން ހޮޓަލުގައި ހުންނަވަނީ އެމަނިކުފާނަށް ދައުލަތުން ހަމަޖައްސާ ގެކޮޅުގެ މަސައްކަތް ނިމެންދެން ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު އަމިއްލަ ގެކޮޅުގައި ހުންނަވަން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެގޮތަށް އަމިއްލަ ގެކޮޅަށް ބަދަލުވެވަޑައިގަތުމަށް އެމްއެންޑީއެފުން ހުއްދަ ނުދޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވަނީ އެމަނިކުފާނުގެ ދެ ދަރިކަނބަލުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ތިން ދުވަހަށް ކަމަށް ނިންމީ ރާއްޖޭގެ މީޑިއާއިން ކަމަށާއި އެމަނިކުފާނުގެ ދަތުރުގެ އިތުރު ތަފްސީލު ސަލާމަތީ ކަންކަމަށްޓަކައި ހާމަނުކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން މީގެ ކުރިން ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ 3 ދުވަހަށް ރައީސް ނަޝީދު މާލެ ވަޑައިގެން ހޮޓަލް ޖެންގައި ހުރުމަށް 1989 ޔޫއެސް ޑޮލަރު ނުވަތަ 30670.38 ރުފިޔާ ހަރަދުވާ ކަމަށް ވިދާޅުވެފައެވެ. އަދި މިފައިސާ ދިވެހި ރައްޔިތުންގެ ބައިތުލް މާލުން ނުދައްކާކަން ރައްޔިތުންގެ މަޖިލިހުން ޔަގީން ކޮށްދެއްވަން މަލީހު ވަނީ އެދިފައެވެ.

މޭ 6ގެ ހަމަލާގައި ލިބިވަޑައިގެންނެވިި ޒަހަމްތަކަށް ޖަރުމަނުގެ އިތުރުން އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދެއްވުމަށް ފަހު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހެވެ.

މާލެ ވަޑައިގެންނެވުމާއެކު ނަޝީދުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.