ޓެލެގްރާމާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު މަސާއިދު ބިން ސަމީއު (37 އ) ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމައިފިއެވެ.

މަސާއިދުގެ މައްޗަށް ކުރާ ދައުވާގެ މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުން ނިންމައިފިއެވެ.

އޭނާއަށް ދައުވާ އުފުލާފައިވަނީ އެކި ދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާ، ޒާތީ މުއާމަލާތް ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާ އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމްއާ އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލާގައެވެ.

މަސާއިދުގެ މައްޗަށް ވަނީ 11 ދައުވާއެއް އުފުލާފައެވެ. އެއީ:

  • އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ 03 (ތިނެއް) ދައުވާ
  • އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ 03 (ތިނެއް) ދައުވާ
  • އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ
  • އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ
  • އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ
  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ
  • އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ

މަސާއިދު ވަނީ އޭނާގެ އޮފީހުގެ ހާޑް ޑިސްކު ވެސް އަމިއްލަ އަށް ނައްތާލާފައެވެ. އެހެންނަމަވެސް މަސައްކަތް ކުރާ އޮފީހާއި ގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ އަތުލާފައެވެ.

ފުލުހުން ވަނީ މަސާއިދު ބޭނުންކުރި ކަމަށް ބުނާ އައިޕީ އެޑްރެސް މެދުވެރިކޮށް، ވިކްޓިމްސްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ލީކްކޮށްފައިވާކަން އެނގޭ ސްނެޕްޝޮޓްތަކެއް ކޯޓަށް ހުށަހަޅައިފައެވެ.

މަސާއިދު އަކީ މީގެކުރިންވެސް މިފަދަ އަމަލުތައް ހިންގާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.