ދުނިޔޭގެ ފެންވަރުގައި ކުރިމަތިލާންޖެހިފައިވާ ކޮމްޕިއުޓާ ޗިޕް ސަޕްލައިގެ ދަތިކަމާއެކު، އައިފޯން 13 ގެ ޔުނިޓްތައް އުފައްދާ މިންވަރަށް ހީނަރުކަމެއް އައުން އެކަށީގެން ވާ ކަމުގެ އަޑުތައް ފެތުރިގެން ދިއުމާއެކު، އެޕަލް ކުންފުނީގެ ހިއްސާގެ އަގުތައް ވެއްޓިއްޖެއެވެ.

ވިޔަފާރި ހަބަރު ގެނެސްދިނުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ބްލޫމްބާގުން ރިޕޯޓް ކުރާ ގޮތުގައި، މިއަހަރުގެ ފަހު ކުއާޓަރުގައި އެޕަލް ކުންފުނިން އުފައްދާނީ 90 މިލިއަނެއްހާ އައިފޯންއެވެ.

ނަމަވެސް ކަމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކަކުން ވަނީ، މި އަހަރު އުފައްދާ ޖުމުލަ ފޯނު ޔުނިޓްގެ އަދަދު، 10 މިލިއަނަށް ވުރެ މަދު ވާނެ ކަމަށް ބުނެފައެވެ.

މި ހަބަރު ފެތުރިގެން ދިއުމާއެކު، މަދު ގަޑިއިރު ކޮޅެއްގެ ތެރޭގައި، އެޕަލް ކުންފުނީގެ ހިއްސާގެ އަގުތައް ވަނީ 1.2 ޕަސެންޓް ވެއްޓިފައެވެ.

ސެމީކޮންޑަކްޓަރު އުފައްދާ ބްރޯޑްކޮމްއާއި ޓެކްސަސް އިންސްޓްރޫމަންޓްސްގެ ހިއްސާގެ އަގުތައްވެސް ވަނީ 1 ޕަސެންޓް، ދަށަށް ގޮސްފައެވެ. އެއީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، ބޭނުން ވާ މިންވަރަށް އެޕަލް ކުންފުންޏަށް ޗިޕް ފޯރުކޮށް ނުދެވިދާނެ ކަމަށް މަސްދަރުތަކުން ބުނުމާއެކުގައެވެ.

އެޕަލް ކުންފުނިން އައިފޯން13 ގެ މޮޑެލްތައް ލޯންޗް ކުރީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި ޕްރީ-އޯޑާ ބަލައިގަތުން، ސެޕްޓެމްބަރު 17 ވަނަ ދުވަހު ފެށުމަށްފަހު، ޔުނިޓްތައް ޝިޕް ކުރުމުގެ މަސައްކަތް ފެށި ސެޕްޓެމްބަރު 24 ވަނަ ދުވަހުއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެއްދުންތެރި ކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކީ ކޮމްޕިއުޓާ ޗިޕަށް ބަރޯސާވެފައި ވާ ބައެކެވެ. ނަމަވެސް ސެމީކޮންޑަކްޓާ އުފައްދާ ފަރާތްތަކަށް ވަނީ، ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މި ކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދާ ކުންފުނިތަކުގެ ތެރޭގައި އެޕަލް ކުންފުނި ހިމެނެއެވެ.