ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ވައިޓްއެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް މޫސުން ގޯސްކަމަށާ މިއަދު ހެނދުނު 09:00 އިން ފެށިގެން 15:00 އަށް މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
މި ސަރަހައްދުތަކަށް 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުމާއިއެކު ވިލާގަނޑުގައި ގަޑިއިރަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އިން ބުނެއެވެ.
މެޓް އޮފީހުން ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްއޮތް 5 ދުވަހު ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ޓްރަފަކާއި ގުޅިގެން ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައެެވެ. ހާއްސަކޮށް އުތުރާއި މެދުއަތޮޅުތަކުގެ ކަނޑުތައް ގަދަވެ އެ ސަރަހައްދުތަކުގައި ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށްވެސް އިލްތިމާސް ކުރެއެވެ.