އުޅަނދު ފަހަރަށް ވަދެ ނުކުމެވޭ ވަރަށް ރ. ކިނޮޅަހު ނެރު ފުންކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ކިނޮޅަހު ބަނދަރުގެ ނެރުމައްޗަށް ވެލި އަރާ މައްސަލަ އާ ގުޅިގެން އެރަށު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމައްސަލަ ހައްލުކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިމަހު ހަތް ވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނީ ކިނަޅޮސް ބަނދަރަށް އުޅަނދު ފަހަރަށް ވަދެ ނުކުމެވޭ ވަރަށް ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ކޮށްފައިވާ ކަމަށާ އަދިވެސް މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކިނޮޅަހު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

ކިނޮޅަހުގެ އުތުރު ފަރާތުގައި ބަނދަރެއް ހެދުމަށް 2008 ވަނަ އަހަރު ހަވާލުކޮށް، ބަނދަރު ހަދާފައި ވަނީ 2010 ވަނަ އަހަރެވެ. އެ ރަށުގެ ބަނދަރު ހަދާފައިވާ ދިމާލުގައި އޮންނަ ވެލިގަނޑަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެބުރޭ ފަސްގަނޑެއް ކަމަށް އެރަށުގެ ކައުންސިލްގެ ނައިބު ރައީސް ވާފިރު އަހުމަދު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، މި މައްސަލަ ހައްލު ނުކުރެވި ގިނަ ދުވަސްތަކެއްވަމުން ދާތީ އެ ރަށު ރައްޔިތުން ވަނީ މިމަހު 6 ވަނަ ދުވަހު ހިމޭން އިހުތިޖާޖެއް ވެސް ކޮށްފައެވެ. މި އިހުތިޖާޖުގައި ރައްޔިތުން ތިބީ ރަށު ބަންދެއްގައި ކަމަށާއި އަވަސް ހައްލެއް ބޭނުންވާ ކަމަށް ވަނީ ގޮވާލައިފައެވެ.