އުތުރުތިލަފަޅުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރަން އަންގަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކަން ހާމަ ކުރެެއްވީ، ފަސް މަސް ދުވަސް ފަހުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދު ވިދާޅުވީ އެ އެއްބަސްވުން ހިއްސާކޮށް މަޖިލީހުން ދިރާސާކުރަން ގޮވާލައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ބަލާނެ ކަމަށެވެ.

މި ގޮތުން މިއަދުގެ ވަގުތެއްގައި ޑިފެންސް މިނިސްޓްރީއަށް މަޖިލީހުގެ އަމީންއާންމު ސިޓީއެއް ފޮނުވާނެ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި އޭގައި އެދޭނީ އެ އެއްބަސްވުން މަޖިލީހުގެ 241 ކޮމިޓީއަށް ދިނުމަށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނަޝީދު ވަނީ އޭގައިވާ އެއްޗެއް އަކުރުން އަކުރަށް ކިޔައިދޭނެ ކަމަށާއި އެއީ މެންބަރުންނަށް ފޮރުވައިގެން އުޅޭ އެއްޗެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނާ އެއްބަސްވުމެއް މީގެ ކުރިން މީޑިއާގައި ލީކްވެފައިވެއެވެ. އެހެންނަމަވެސް ޑިފެންސް މިނިސްޓްރީން ވަނީ އެއީ ހަގީގަތާ ހިލާފު ދޮގު ލިޔުމެއް ކަމަށް ބުނެފައެވެ.