ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެ ބިލަކީ މިދިޔަ މަހުގެ 21 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމާ، ހަކަތަ ބޭނުންކުރުމާ، ހަކަތަ ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައަޅާފައިވާ ގާނޫނެކެވެ.

އެ ގާނޫނުގައި ހަކަތައިގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތަކާ، އާންމު ބޭނުންތަކެއްގެ ހިދުމަތެއްގެ ގޮތުގައި ހަކަތަ ފޯރުކޮށްދޭ ފަރާތްތަކުގެ ހައްގުތަކާ ޒިންމާތައް ކަނޑައަޅާ، އެފަދަ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ހިފަހައްޓާ، ހިދުމަތްހޯދާ ފަރާތްތަކަށް އެކަށީގެންވާ އަގެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކާ ކަމާބެހޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވެއެވެ. އަދި އެ ގާނޫނޫނަކީ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމާ، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއަކީ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭ، ތިމާވެއްޓާ ރައްޓެހި، އަދި މޫސުމަށް އަންނަ ބަދަލުތަކަށް ބަރުދާސްތު ކުރަނިވި، ޖައްވު ހޫނުކުރާ ގޭހުގެ ހިއްސާ ކުޑަ، އަދި ހަރަދުކުޑަ ހަކަތައިގެ ނިޒާމެއް ގާއިމުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

އެގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގެ ކަންކަން ސަލާމަތާ ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގާ ބެލެހެއްޓުމާ، ހަކަތައިގެ ހިދުމަތް ހޯދާ ފަރާތްތަކާ، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކާ ޒިންމާތައް ކަނޑައެޅުން ހިމެނެއެވެ. އަދި ހަކަތައިގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލައިސަންސް ދިނުމާބެހޭ އުސޫލުތައް ބަޔާންކުރުން ވެސް އެގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އޭގެ އިތުރުން ދިވެހިރާއްޖެ ކާބަން ނެޓް ޒީރޯ ގައުމަކަށް ހެދުމަށްޓަކާ ކަމާބެހޭ ގާނޫނުތަކާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައަށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް އެކުލަވާލަންޖެހޭ ޕްލޭން އެކުލަވާލުން ގާނޫނޫގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެހެންމެ ހަކަތައިގެ ވަސީލަތްތަކާ ހިދުމަތްތަކަށް ގަސްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ހަކަތައިގެ ހިދުމަތްތައް ފޯރުކޮށްދިނުމާ އެ ހިދުމަތްތައް ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން ވެސް މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އާންމު ބޭނުންތަކުގެ ހިދުމަތާބެހޭ ގާނޫނު އުވޭނެކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 12 މަސްދުވަހުގެ ތެރޭގައި ހަދާ، އާންމުކޮށް ޝާއިއުކުރާނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އެ ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފެށޭނެއެވެ.