ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ފިރިހެން މެންބަރަކަށް ޖިންސީ ގުނަވަން ދައްކާފައި ނުވާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަސްލަމަށް، ޖިންސީ ފުރައްސާރަ ކޮށްފައި ވާ ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
އެ ތުހުމަތު މިއަދު މަޖިލީހުގެ ޖަލްސާގައި އޭނާ ދޮގުކޮށްފައިވާ ނާޒިލް ވިދާޅުވީ ޖިންސީ ގުނަވަނެއް، މަޖިލީހުގައި ތިބި އިއްޒަތްތެރި މެންބަރުންގެ ތެރެއިން އެންމެ ފިރިހެނަކަށް ވެސް ފެނިފާ ނޯންނާނެކަން އެންމެހާ ރައްޔިތުންނަށް ޔަގީންކަން އަރުވާ ކަމަށެވެ.
އޭގެ އިތުރުން އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ރޯކޮށްލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ނާޒިލަށް ކޮށްފައި ވާއިރު އެކަމާ ގުޅިގެން ނާޒިލް ވިދާޅުވީ އޭނާއަކީ ދުވަހަކުވެސް މީހުންގެ މުދަލަށް ގެއްލުން ދީ، މީހުންގެ ޖިސްމަށް ގެއްލުން ދީ، މީހުން މަރަން ގޭންގު ހަދައިގެން އުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެކަހަލަ ކަންތައްތަކަށް ހިތްވަރު ދެއްވާނެ ބޭފުޅެއް ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން އަސްލަމަށް ރުޅިވެރިކަން ދެއްކުމުގެ ގޮތުން މެންބަރު ނާޒިލް ވަނީ އޭނާގެ ޖިންސީ ގުނަވަނެއް ދައްކާ "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވެފައެވެ.
ނާޒިލް ކަންތައް ކުރެއްވި ގޮތުގެ މައްސަލަ ބަލައިދޭން އެދިވަޑައިގެން ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން) އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ހިނގީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނާޒިލް ވޯޓް ފޮއްޓެއް ކައިރީ، ޝައްކުވާ ގޮތަކަށް އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އަސްލަމް ފޮނުއްވުމުންނެވެ.