ޓޫރިސްޓް ރިސޯޓު، ހޮޓެލްސް، ގެސްޓްހައުސް، ސާފާރީ އުޅަނދު އަދި ފަތުރުވެރިން ބައިތިއްބާ އެހެނިހެން ތަންތަން މައިގަނޑު ބައިތަކަކަށް ބަހާލުމުގެ ގޮތުން ފަތުރުވެރިން ބައިތިއްބާ ތަންތަން ގިންތި ކުރުމުގެ މަސްވަރާއާއި ސައްލާކުރުމުގެ ވޯކް ޝޮޕެއް ޓޫރިޒަމް މިނިސްޓްރީން ބާއްވައިފިއެވެ.

މިނިސްޓްރީން ބުނީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (2017-2023) އާ އެއްގޮތަށް ލޯކަލް ޓޫރިޒަމް ކުރިއަރުވާ ހަރުދަނާ ކުރުމަށް، ދިވެހިރާއްޖޭގައި ފަތުރުވެރިން ބައިތިއްބާ ތަންތަން ކްލެސިފައި (ގިންތި) ކުރުމަށް ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތަކަށް މަސައްކަތް ކުރުމުގެ ގޮތުން މިއަދު ސޯލްޓްކެފޭގައި ވޯކްޝޮޕެއް ބާއްވާފައިވާ ކަމަށެވެ.

އެ ވޯކްޝޮޕް ފެށުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދެއްކެވި ވާހަކައި ފަތުރުވެރިކަމަމުގެ ކުރިމަގު ފަހިކުރުމަށް ގިންތިކުރުމުގެ ނިޒާމެއްގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް

މިނިސްޓްރީން ބުނީ ފަތުރުވެރިކަމާ ގުޅުންހުރި އެސޯސިއޭޝަންތަކާ، މިނިސްޓްރީތަކާ، އިދާރާތަކާ، މުއައްސަސާތަކުގެ ފަރާތުން ބައިވެރިވި އެމަސައްކަތު ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް ރަޖިސްޓްރީ ކުރާ ތަންތަނަށް ގަނޑުކޮން ކިޔާ ނަންތައް ނުވަތަ ބަހާތަކާ، ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ތަންތަން ގަނޑުކޮން ނަންކުރުމުގައި ގެންގުޅޭ އުސޫލުތަކާ ހަމަތަކަށް އަލިއަޅުވާލި ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ރިޒޯޓްތައް ތަރައްގީކޮށްފައި ވާ 'ވަން އައިލަންޑް ވަން ރިސޯޓް" ކޮންސެޕްޓަށް ހާއްސަ ކޮށް ބޭނުން ކުރެވިދާނެ ބަހާއަކާ މީހުން ދިރިއުޅޭ ރަށެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރާ އިރު ބޭނުން ކުރެވިދާނެ ބަހާތަކާ އަދި މުސްތަގުބަލުގައި ރާއްޖެއަށް ތައާރަފު ކުރެވިދާނެ ފަތުރުވެރިކަމުގެ އާގުޅޭ ބަހާތަކާ މެދު ބައިވެރިންގެ ހިޔާލު ހޯދާ މަޝްވަރާކުރި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އަދި، ފަތުރުވެރިކަމުގެ ނަފާއާ މަންފާ ސީދާ ރައްޔިތުންނަށް ލިބިދޭނެ، މީހުން ދިރިއުޅޭ ގޭގޭގައި ކުރިއަށް ގެންދިއުމަށް މިއަންނަ އަހަރު ފަށަން ނިންމާފައިވާ "ހޯމްސްޓޭ" ފަތުރުވެރިކަން ތައާރަފުކުރުމުގައި އަމަލުކުރާނެ އުސުލޫތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރި ކަމަށް މިނިސްޓްރީން ބުނެއެވެ.