ބޮލީވުޑްގެ ކާމިޔާބު ފިލްމީ ތަރި އަޖޭ ދޭވްގަން ފެނިގެންދާ ޑިސްކަވަރީ ނެޓްވޯކްގެ "އިން ޓު ދަ ވައިލްޑް" ޝޯގެ އެޕިސޯޑް ޓީޒާއެއް ދައްކާލައިފިއެވެ.

ރާއްޖޭގައި ޝޫޓް ކޮށްފައިވާ މި އެޕިސޯޑް ޝޫޓް ކޮށްފައިވަނީ ވ. އަތޮޅުގައެވެ. މި އެޕިސޯޑްގައި ފެނިގެން ދާނީ ކަނޑުވުމުން ސަލާމަތްވުމަށްޓަކައި އަޖޭ ކުރާ މަސައްކަތެވެ.

މި އެޕިސޯޑް ގެނެސްދޭނެ ތާރީހު ވެސް އިއުލާނު ކޮށްފައި ވާއިރު އެ އެޕިސޯޑް އެންމެ ފުރަތަމަ ޕްރީމިއާ ކުރާނީ ޑިސްކަވަރީ ޕްލަސްއިން އޮކްޓޯބަރު މަހުގެ 22ގައެވެ. އެއަށްފަހު އޮކްޓޯބަރު 25ން ޑިސްކަވަރީ ޗެނަލުން ގެނެސްދިނުމަށް ނިންމާފައިވާ ކަން ވަނީ ހާމަ ކޮށްފައެވެ.

ބިއާ ގްރިލްސްގެ "އިން ޓު ދަ ވައިލްޑް" ގެ މި އެޕިސޯޑުގެ ޓީޒާ އާންމު ކޮށްފައިވާއިރު ބިއާ އަޖޭ ސިފަކޮށްފައި ވަނީ ބޮލީވުޑްގެ ސިންގާއެއްގެ ގޮތުގައެވެ. އަދި އަޖޭއާއެކު ކުރި މަސައްކަތް އޭނާގެ ފޭނުން ބަލައިގަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބިއާ ގްރިލްސް ވަނީ ބުނެފައެވެ.

އަޖޭގެ އިތުރުން ބިއާ އާއެކު ބޮލީވުޑްގެ ފިލްމީތަރި ވިކީ ކޯޝަލް ވެސް މި ޝޯއަށް ރާއްޖޭގައި ޝޫޓްކޮށްފައި ވާއިރު އެ އެޕިސޯޑާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ޑިސްކަވަރީން އަދި ހާމަކޮށްފައެއް ނުވެއެވެ.