ރޯހިތު ޝެޓީ ޑައިރެކްޓްކޮށް ގެނެސްދީ "ސިންގަމް 3" ގައި ފުލުހެއްގެ ރޯލުން ބަތަލާ ދީޕިކާ ޕަޑުކޯން ފެންނާނެކަން އިއުލާންކޮށް ޕޯސްޓަރުތައް ދައްކާލައިފިއެވެ.
ކުޅަދާނަ ބަތަލާ ދީޕިކާ "ސިންގަމް" ގެ ފްރެންޗައިޒްގެ ފުލުސް އޮފިސަރެއްގެ ރޯލު ކުޅެން ދީޕިކާ އަށް ލިބުނު އިރު މިއީ މި ފިލްމުގައި އަންހެން ފުލުސް އޮފިސަރެއް ލީޑު ރޯލުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. މި ފޯސްޓަރުތައް އާންމުކުރަމުން ދީޕިކާ ބުނީ އެ ފުލުސް އޮފިސަރުގެ ނަމަކީ ޝަކްތީ ޝެޓީ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ބަތަލާ ފެނިގެންދާނީ އަޖޭގެ ކޮއްކޮގެ ރޯލުންނެވެ.
މި ފިލްމުގައި އަޖޭގެ ލޯބިވެރިޔާގެ ރޯލު ކަރީނާ ކަޕޫރު ކުޅެން ހަމަޖެހިފައިވާއިރު މި ފިލްމުގެ މި ފަހަރު ވިލަން އަކީ އަރުޖުން ކަޕޫރެވެ. އަދި ފިލްމުގެ ހާއްސަ ފެނިލުމަކުން ޓައިގާ ޝްރޮފް ވެސް ފެނިގެންދާނެއެވެ. މި ފިލްމު ވެގެންދާނީ މުޅި ބޮލީވުޑްގެ ތާރީހުގައި ވެސް އުފައްދާ އެންމެ އަގުބޮޑު އެންމެ ބޮޑު ފުލުހުންގެ ފިލްމަށް ކަމަށެވެ. ފިލްމުގައި އަޖޭ ކުޅޭނީ ސިންގަމްގެ ރޯލު ކަމަށާއި ރަންވީރު ފެނިގެންދާނީ ސިމްބާގެ ރޯލުން ކަމަށާއި އަދި އަކްޝޭ ފެނިގެންދާނީ ސޫރިޔަވަންޝީގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމުގެ މައިގަނޑު ކެރެކްޓަރު އަޖޭ ފެނިގެންދާނީ ވަރުގަދަ ކޭހެއް އިންވެސްޓިގޭޓް ކުރުމުގެ ތެރެއިން ކަމަށާއި އަޖޭ އަށް އެހީތެރިވާން އަންނަ ފުލުހަކީ އަކްޝޭ ކަމަށެވެ. މި ފިލްމުގައި ރަންވީރުގެ މުހިއްމު ރޯލެއް ހިމެނޭ ކަމަށާއި ރަންވީރު ކުޅޭނީ ފިލްމު "ސިމްބާ" ގައި އޭނާ ކުޅުނު ކަހަލަ މަޖާ ސީރިއަސް ފުލުސް އޮފިސަރެއްގެ ރޯލު ކަމަށެވެ.
މި ފިލްމުގެ ދެވަނަ ބައި ސިންގަމް ރިޓާންސް ރިލީޒްކުރީ 2014 ވަނަ އަހަރުއެވެ. 10 އަހަރުގެ މެދުކެނޑުމަކަށްފަހު މި ފިލްމު އަންނަ އަހަރު ސިނަމާއަށް ގެނެސްދޭއިރު މި ފިލްމު ވެގެންދާނީ އަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.