އަޖޭ ދޭވްގަން ލީޑުން ފެނިގެންގޮސްފައިވާ އަދި ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިއަ ދުރިޝްޔަމްގެ ދެވަނަ ބައެއް ނެރުމުގެ މަސައްކަތް ފަށައިފިއެވެ.

2013 ވަނަ އަހަރު ދެއްކި މަލަޔާލަމް ފިލްމު "ދުރިޝްޔަމް" ފިލްމަށް މަލަޔާލަމް ފިލްމު އިންޑަސްޓްރީގައި ލިބުނު ކާމިޔާބީއާއި ގުޅިގެން އުފެއްދި ހިންދީ ރީމޭކަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިގެން ގޮސްފައެވެ.

2021 ވަނަ އަހަރު "ދުރިޝްޔަމް"ގެ މަލަޔާލަމް ވާޝަނަށް ލިބުނު ބޮޑު ކާމިޔާބީއާއި އެކު އެ ފިލްމުގެ ސީކުއެލެއް އުފައްދާ އެބަހުން ނެރެފައިވާއިރު މި ފިލްމަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިއައެވެ. މިއާއެކު ލީޑް ރޯލުން އަޖޭ ފެނިގެންދާ ގޮތަށް މި ސީކުއެލްގެ ވެސް ހިންދީ ރީމޭކެއް ތައްޔާރުކުރުމުގެ މަސައްކަތް މިވަނީ ފަށާފައެވެ.

މި ރީމޭކަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް ބެލެވޭއިރު އަޖޭގެ ފޭނުން މީހާރު ވެސް ދަނީ މި ފިލްމު ބަލާލުމަށް ކެތްމަދުވެފައިވާ ކަން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

މި ސީކުއަލް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރުމަހު ފަހުކޮޅުގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގައި އަޖޭގެ އިތުރުން ފުރަތަމަ ބައިން ފެނިގެންދިޔަ ތައްބޫ، ޝްރިޔާ ސަރަން އަދި އިޝީތާ ދައްތާވެސް ފެނިގެންދާނެއެވެ. މި ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓްކޮށްފައި ވަނީ ނިޝީކާންތް ކަމަތްއެވެ. ނަމަވެސް ދެވަނަ ބައި ޑައިރެކްޓް ކުރާނީ އަބީޝެކް ޕަތާކްއެވެ.