ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އެންމެ ފުރަތަމަ ތަރައްގީކޮށް އާންމުކޮށް ބޭނުން ކުރަން ފެށި ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ފައިޒާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރަތާ މަސްތަކެއް ފަހުން، އެ ވެކްސިނުން ލިއްބައިދޭ ދިފާއު ފަނޑުވަމުން އަންނަ ކަމީ، މިހާރު ސައެންސްއާއި އާންމު ދުނިޔޭގެ ކޭސްތަކުން އެނގި، ސާބިތުވާން އޮތް ކަމެކެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ ގައުމުތަކާ އޭޝިއާ ބައެއް ގައުމުތަކުން ފައިޒާގެ ބޫސްޓާ ޑޯޒްއާ ދިމާއަށް މިސްރާބު ޖަހާ އެ މަސައްކަތް ފަށާފައި ވާ މި ދަނޑިވަޅުގައި ޝާއިއު ކޮށްފައި ވާ މި ދިރާސާއެއް ބުނި ގޮތުގައި ފައިޒާ ވެކްސިން ޖަހާތާ 6 މަހެއްހާ ދުވަހުގެ ތެރޭގައި، ވެކްސިނުން ދިފާއު ލިއްބައިދޭ ނިސްބަތް، 88 ޕަސެންޓް އިން 47 ޕަސެންޓަށް ދަށަށް ދެއެވެ.

ކޮވިޑް ޖެހިގެން ހިސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުމާއި، ފުރާނަ ގެއްލިދިއުމުގެ ދަރަޖައަށް ބަލިހާލު ދެރަވުމުން ރައްކާތެރި ކޮށްދިނުމުގެ ފުރުސަތު، 6 މަސް ވާއިރުވެސް 90 ޕަސެންޓްގައި ހިފެހެއްޓިފައި އޮންނަ ކަމަށްވެސް، ދަ ލޭންސެޓްގައި އާންމު ކޮށްފައި ވާ މި ދިރާސާގައި ބުނެފައިވެއެވެ. އަދި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓާ ދެކޮޅަށްވެސް މިކަން އޮތީ މިހެން ކަމަށް ދިރާސާގައި ބަޔާން ކޮށްފައި ވެއެވެ.

ދޮށީ އުމުރުގެ މީހުންނާއި ހައި ރިސްކު ގިންތީގައި ނުރައްކާ އެންމެ ބޮޑު ކަމަށް ގަބޫލު ކުރެވޭ މީހުންނަށް ފައިޒާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތް ބައެއް ގައުމުތަކުން ފަށާފައި ވާ އިރު، މިއީ އެ ނޫން ގިންތިތަކުގައި ތިބި މީހުން ކަންބޮޑުވާންޖެހޭ ކަމެއްތޯ ވަނީ ސުވާލު އުފެދެން ފަށާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން، ޔުނިވާސިޓީ އޮފް ރޯޗެސްޓާ ސްކޫލް އޮފް މެޑިސިންގެ ސްޕެޝަލިސްޓް އިން ވައިރަލް ރެސްޕިރޭޓޮރީ ޑިޒީޒަސް، ޑރ އޭން ފޯލްޒީ ވިދާޅުވީ، ދިފާއު ކުޑަވާނެ ކަން ކުރިންވެސް ލަފާ ކޮށްފައި ވާ ކަމަށާ، ނަމަވެސް، މި ކަމަކީ މީހުން ހާސްވެ، ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އެމެރިކާގެ ސިއްހަތާ ބެހޭ ތަޖުރިބާކާރު، ޑރ އެންތަނީ ފައޫޗީ ވަނީ، ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒްއަކީ، އާންމު ކަމަކަށް ވެދާނެ ކަމުގެ އިޗާރާތްވެސް ކުރައްވާފައެވެ.

ކަން މިހެން އޮތް ނަމަވެސް ޑރ ފައޫޗީ ވިދާޅުވަނީ، ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަ ކުރިތާ 6 މަސްދުވަސް ފާއިތު ނުވާ ނަމަ، ހާސްވެ، ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އެއީ 65 އަހަރުން ދަށުގެ މީހަކަށް ވެފައި، ސިއްހީ އިތުރު ނުރައްކަލެއް ނެތް މީހަކު ނަމަވެސް ހާސް ވާނެ ކަމެއް ނެތް ކަމަށްވެސް ޑރ ފައޫޗީ ވަނީ ވިދާޅުވެފައެވެ.

ސިއްހީ ހިދުމަތްތެރިންގެ ވާހަކަ މިފަދަ ރޫހެއްގައި ހުރި ނަމަވެސް، އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ޖަހަން ފެށި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާއިން ފެންނަނީ ތަފާތު މަންޒަރެކެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން މީހުންގެ މެދުގައި އޮތް ޝައުގަށް ވުރެ ޝައުގުވެރި ކަމެއް، ބޫސްޓާ ޑޯޒްއަށް އޮތް ކަން، ފެންނަ މަންޒަރުތަކުން އަންގައިދެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ދަނީ، މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަން ގެ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމުގެ ހުއްދައަށް އެދި ހުށަހެޅުންތައް ހުށަހެޅުންތަކާ މެދު ވިސްނަމުން ކަމަށް ހަބަރު ލިބެއެވެ.