ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މާލެ ކުޅިވަރު އެކުވެނި އިންޑޯ ހޯލްގައި، ޕްލޭޔާސް ލައުންޖު ހުޅުވައިދެއްވައި 'ހިތާރޫހުން ކުޅޭށެ ކުރިކެޓް' ލޯގޯ އަދި އިންޑޯ ކުރިކެޓް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްއާއި މިލާން ކުރިކެޓް އެކަޑަމީގެ ކޯފައުންޑާ އަދި ރައީސް ބައިވެރިވެވަޑައިގަތެވެ.

ޕްލޭޔާސް ލައުންޖަކީ ރާއްޖޭގެ އެންމެ ދުވަސްވީ ކުރިކެޓް އެކަޑަމީ ކަމުގައިވާ މިލާން ކުރިކެޓް އެކަޑަމީގެ ފަރާތުން 'ޖަލީލް މާލަމް' ގެ ނަމުގައި ތަރައްގީކޮށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ހަދިޔާކުރި ލައުންޖެކެވެ.

މި ރަސްމިއްޔާތުގައި، ރާއްޖޭގައި އިންޑޯ ކުރިކެޓް އިފްތިތާޙްކުރުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗްގައި ރައީސް އާއި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މެޗަށްފަހު ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ރައީސް އާއި ނައިބު ރައީސްއަށް ވަނީ 'ހިތާ ރޫހުން ކުޅޭށެ ކުރިކެޓް'ގެ ލޯގޯ ވެދުމަށް އަރުވާފައެވެ.