އަމިއްލަ ދިފާއުގައި ބަސް ބުނެ، ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެ، ޕޮލިސް ބޯޑުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ހަތް އޮފިސަރެއްގެ ތެރެއިން ފަސް އޮފިސަރެއްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލް ކޮށްފިއެވެ.
އެމައްސަލާއިގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 9 ޖަހާއިރަށެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް މަރިޔަމް ނިހާޔަތުގެ ދިވެހި ޗޭމްބާޒް ލޯ ފާމުންނެވެ. އެ މައްސަލާގައި ދިވެހި ޗޭމްބާޒް އިން ތަމްސީލު ކުރަނީ:
- އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
- އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
- ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް އާދަމް
- ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާވޫދު
- ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
ދިވެހި ޗޭމްބާޒް އިން މިމަހު 6 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ވަކިކުރަން ނިންމި އެ ފަސް އޮފިސަރުންނަށް އަމިއްލަ ދިފާއުގައި ބަސް ބުނެ، ޖަވާބުދާރީ ވުމަށް ފުރުސަތެއް ނުދޭ ކަމަށާއި، އެހެންވެ އެ އޮފިސަރުންގެ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ނިމެންދެން އެ ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާނެ ކަމަށްވެސް ބުންޏެވެ.
ފުލުހުންގެ އާ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓުން ފެށިގެން މަތީ ރޭންކުތަކުގެ ފުލުހުންނަކީ މަސައްކަތަށް ގާބިލު ބައެއްތޯ ބަލާނެއެވެ. އެއާއެކު އެ ބޯޑުން ވަނީ ހަތް ފުލުހުން ވަޒީފާއިން ވަކިކުރަން ޕޮލިސް ކޮމިޝަނަރަށް ލަފާ ދީފައެވެ.
އާ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ތަންފީޒުކުރަން އާ ގާނޫނާ އެކު އެކުލަވާލި ހަތް މެންބަރުންގެ ބޯޑުން ފުލުހުންގެ އިސް ސަފުން ހަތް އޮފިސަރަކު އެއްފަރާތް ކުރަން ނިންމި އިރު މި ނިންމުން ތަންފީޒުކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ލަފާ އެރުވިތާ މަހަކަށް ވުރެން ގިނަ ދުވަސް ފަހުން އޭނާ ވަނީ ދެ އޮފިސަރަކު ވަކިކުރަން ނޯޓިސް ފޮނުއްވާފައެވެ.
އެއީ، ދެ އެސިސްޓެންޓް ކޮމިޝަނަރުންގެ ގޮތުގައި ތިއްބެވި އަހްމަދު މުހައްމަދާއި މުހައްމަދު ޖަމްޝީދަށެވެ.
މާދަމާ 5 އޮފިސަރުންގެ ވަގުތީ އަމުރާ ގުޅޭ މައްސަލަ ކޯޓުގައި ފަށާއިރު ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި 7 އޮފިސަރުންގެ ތެރެއިން ކޯޓަށް އަދި ވަޑައި ނުގަންނަވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދުއެވެ.