ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފަ ތިބި ފަރާތްތައް އިނގިރޭސިވިލާތަށް ދަތުރު ކުރާއިރު އިތުރު ކަރަންޓީނެއް ވާން ނުޖެހޭ ގޮތަށް އެގައުމަށް ދަތުރުކުރުމުގެ ހުއްދަ ދޭން ނިންމައިފިއެވެ.

އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރަން ރޮސްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަސޭހަކަމާއެކު ރާއްޖެއާ އިނގިރޭސިވިލާތާއި ދެމެދު ދަތުރު ކުރުމަށް އޮތް އެންމެ ފަހުގެ ހުރަސް މިހާރު ނައްތާލެވިފައިވާ ކަމަށެވެ.

އެގޮތުން ވެކްސިން ފުރިހަމަ ކޮށްފަ ތިބި ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ކާޑާއެކު އިނގިރޭސިވިލާތަށް އެތެރެވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިންމުމަށް އަމަލުކުރަން ނިންމާފައިވަނީ މިމަހު 11 ވަނަ ދުވަހުގެ ފަތިހު 4:00 އިން ފެށިގެންނެ ކަމަށް ރާއްޖޭގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް އެގައުމަށް އެތެރެވެވޭނީ ދެ ބާވަތެއްގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަމަށާ އެއީ ކޮވިޝީލްޑް ވެކްސިނާ، ފައިޒާ ވެކްސިން ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.