ދުނިޔޭގެ ކަންކޮޅުތަކުން ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ނަފްސާނީ ބަލިތަކުގެ ތެރެއިން ފަރުވާ ކުރަން އެންމެ އުނދަގޫ އަދި ދާއިމީ ފަރުވާއެއް އަދާ ޖެހުނުއިރުވެސް ހޯދިފައި ނުވާ ޑިޕްރެޝަންގެ ތަކުލީފު އުފުލަމުން ދާ މީހެއްގެ ސިކުނޑިއަށް ޕޭސްމޭކަރެއް ލަވައިގެން އޭނާއަށް ފަރުވާ ކޮށްފިއެވެ.

ތަހުލީލީ މަރުހަލާގެ ތެރެއިން އަންހެން މީހާގެ ސިކުނޑިއަށް ލެއްވި ޕޭސްމޭކަރަކީ، ޑިޕްރެޝަންއާ ގުޅިފައިވާ ސިކުނޑީގެ ހަރަކާތްތައް އެހެން ގޮތަކަށް ބަދަލު ކޮށްލަ ދޭ ޕޭސްމޭކަރެކެވެ. އެގޮތުން ސިކުނޑީގެ ތެރޭގައި، އޮޓަމެޓިކުން ކުދިކުދި ވިންދުތަކެއް، ޕޭސްމޭކަރުގެ އެހީގައި ޖަހުވައެވެ.

ޕޭސްމޭކަރު ލައްވާފައިވަނީ އުމުރުން 36 އަހަރުގެ ސޭރާ ނަމަކަށް ކިއާ މީހެއްގެ ސިކުނޑިއަށެވެ. ޕޭސްމޭކަރު ލެއްވިފަހުން އަންހެން މީހާއަށް ހީ ހެދޭ ކަމަށާ، އެއީ މީގެ 5 އަހަރު ކުރިން، އޭނާ ތެރަޕީ ނަގަން ފެށި ފަހުން އޭނާއަށް ހީ އުޅެވުނު ފުރަތަމަ ފަހަރު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މާޔޫސްވެފައިވާ ދޮށީ އުމުރުގެ މީހެއް/ފޮޓޯ: ވިލާ ސްކާ

ޕޭސްމޭކާ ތެރަޕީ އަދި ޓެސްޓު ކޮށްފައި ވަނީ އެންމެ މީހެއްގެ ހަށީގަނޑުގައި ނަމަވެސް، މިއީ މި ރޮނގުން ހޯދުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ. މި ތެރަޕީ މަސައްކަތް ކުރަނީ، ބަލީގެ ހާލަތު އިންތިހާއަށް ސީރިއަސް ޕޭޝަންޓުންގެ ހަށިގަނޑުގައެވެ.

ތަހުލީލީ މަރުހަލާގައި ކުރިއަށް ގެންދާ މި ފަރުވާގެ ހޯދުންތަކަށް ބަލާއިރު، ނަފްސާނީ ބަލީގެ އާލާމާތްތަކަކީ އިތުބާރު ހިފޭ ގޮތަކަށް ދެނެގަނެވިދާނެ އަލާމާތްތަކެއް ވަނީ ހާމަވެފައެވެ. އަދި މި އަލާމާތްތައް ފެނުމަށް މަގުފަހި ކުރާ ސިކުނޑީގެ ހަރަކާތްތަކާ ކުޅެވިދާނެ ކަންވެސް މި ދިރާސާގެ އަލީގައި ދެނެގަނެވިފައި ވާ ކަމަށް ހަބަރު ލިބެއެވެ.

މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޔުނިވާސިޓީ އޮފް ކެލިފޯނިއާ ސެން ފްރާންސިސްކޯ (ޔޫސީއެސްއެފް)ގެ އިސް ރިސާޗާ، ކެތުރީން ސްކޭންގޯސް ވިދާޅުވީ، މީގެ ކުރިން، ވަކިވަކި ޕޭޝަންޓުންނަށް ހާއްސަކޮށްގެން މިފަދަ ތެރަޕީއެއް ތައާރަފު ކުރެވިފައި ނުވާ ކަމަށެވެ. އަދި މި ދިރާސާއަކީ، ސިކުނޑި މަސައްކަތް ކުރާ ގޮތެއްގެ ސަބަބުން ނަފްސާނީ ބައްޔަށް މަގުފަހި ކުރުވާ ގޮތްވެސް އަންގައި ދެނިވި ދިރާސާއެއް ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ސިކުނޑިއަށް ފޮނުވާލާ މިފަދަ ސިގުނަލް ނުވަތަ (ޑީބީއެސް)ގެ އެހީގައި، ޕާކިންސަންއާއި އެޕިލެޕްސީ ފަދަ ބަލިތަކުގެ ޕޭޝަންޓުންނަށް ފަރުވާ ކުރަމުން އަންނަތާ މިހާރު 20 އަކަށް އަހަރު ދުވަސް ވަނީ ވެފައެވެ. ޑިޕްރެޝަންގެ ފަރުވާގެ ރޮނގުން މީގެ ކުރިން ތަހުލީލުތަކެއް ހިންގި ނަމަވެސް، ކާމިޔާބު ވެފައެއް ނުވެއެވެ.

ކޮވިޑް-19ގެ ލޮކްޑައުންގައި ހާސްވެ މާޔޫސްވެފައި އިން މީހެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އާރްއެފްއައި

ޑީބީއެސްގެ އެހީގައި ޑިޕްރެޝަންއަށް ފަރުވާ ކުރުމަށް އެޅިފައި ވާ އެންމެ ބޮޑު ހުރަހަކީ، ޑިޕްރެޝަންއަކީ ސިކުނޑީގެ ވަކި ތަންކޮޅަކުން ފެންނަ އަލާމަތަކަށް ވުމުގެ ބަދަލުގައި، ތަފާތު އެކި ގުޅުންތަކުން ފެންނަ ކަމަކަށް ވުމެވެ. އަދި މި ކަމަކީ އެއް ޕޭޝަންޓާއި އަނެއް ޕޭޝަންޓާ ދެމެދުވެސް ފަރަގު އެކުލެވުމުގެ ފުރުސަތު އޮތް ކަމެކެވެ.

ސޭރާގެ ނިއުރޯސާޖަންއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޔޫސީއެސްއެފްގެ ޕްރޮފެސާ އެޑްވާޑް ޗޭންގް ވިދާޅުވީ، ނެޓްވޯކެއްގެ ގޮތުގައި، ސިކުނޑިން މީހާގެ މޫޑު ރެގިއުލޭޓް ކުރާ ގޮތް، މިހަރު ފަހުމް ވާން ފަށާފައި ވާ ކަމަށެވެ.

ފަރުވާ ލިބިގަތް ސޭރާ ބުނީ، މިއީ ޑިޕްރެޝަންއާ ދުރުވެވުނުކަމުގެ އިހްސާސް ކުރެވުނު ވަގުތު ކޮޅެއް ކަމަށެވެ. އަދި ކުދިކުދި ކަރަންޓް ވިންދުގެ ސަބަބުން ވަކި އިތުރު އިހުސާސެއް ނުކުރެވޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.