ރ. ކިނޮޅަހު ބަނދަރަށް ވަދެ ނުކުތުމަށް ދިމާވެފައި އޮތް މައްސަލަ ހައްލުކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

ކިނޮޅަހު ބަނދަރުގެ ނެރުމައްޗަށް ވެލި އަރާ މައްސަލަ އާ ގުޅިގެން އެރަށު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ބުނީ ކިނޮޅަސް ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް، މަޝްރޫއުގެ ޑިޒައިން މަސައްކަތް ނިންމާ ހަވާލުކުރާނެ ފަރާތެެއް ހޯދުމަށް ބީލަން ހުށަހެޅުމަށް ފުރަތަމަ ފިނޭންސް މިނިސްޓްރީން ހުޅުވާލީ މާޗު 2021ގައި ކަމަށެވެ.

ނަމަވެސް އިއުލާންކުރުމުގެ ފަހުން ކައުންސިލުން ޑިޒައިނަށް އިތުރު ބަދަލު ގެނައުމަށް އެދުމުން، އެ ބަދަލުތަކާއެކު އަލުން ޑިޒައިން ބަދަލު ކުރުމަށް ފަހު ބީލަން ހުށަހެޅުނީ ޖުލައި 2021ގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެ މުއްދަތުގެ ތެރޭގައި ބީލަން ހުށަހެޅި އެއްވެސް ފަރާތަކަށް ބީލަން ކާމިޔާބު ނުކުރެވުނުކަން މިނިސްޓްރީއަށް ސެޕްޓެމްބަރު 27، 2021 ގައި އެންގުމާ ގުޅިގެން އެމްޓީސީސީ އަށް ޑައިރެކްޓް އެވޯޑު ކޮށްގެން މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އަދި މި ވަގުތު ބަނދަރަށް ވަދެ ނުކުތުމަށް ދިމާވެފައި އޮތް މައްސަލަ ހައްލުކުރުމަށް އޮކްޓޯބަރު 10 ގައި އެމްޓީސީސީ އިން ދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިނޮޅަހުގެ އުތުރު ފަރާތުގައި ބަނދަރެއް ހެދުމަށް 2008 ވަނަ އަހަރު ހަވާލުކޮށް، ބަނދަރު ހަދާފައި ވަނީ 2010 ވަނަ އަހަރެވެ. އެ ރަށުގެ ބަނދަރު ހަދާފައިވާ ދިމާލުގައި އޮންނަ ވެލިގަނޑަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެބުރޭ ފަސްގަނޑެއް ކަމަށް އެރަށުގެ ކައުންސިލްގެ ނައިބު ރައީސް ވާފިރު އަހުމަދު ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން އެ ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެކަން ބަޖެޓްގައި ހިމަނާފައިވާ ކަމަށްވެސް ވާފިރު ވިދާޅުވިއެވެ. އަދި އަމަލީ މަސައްކަތް ފެށުމަށް ބަޔަކާއި ހަވާލުކުރަން މަސައްކަތް ކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، މި މައްސަލަ ހައްލު ނުކުރެވި ގިނަ ދުވަސްތަކެއްވަމުން ދާތީ އެ ރަށު ރައްޔިތުން ވަނީ އިއްޔެ ހިމޭން އިހުތިޖާޖެއް ވެސް ކޮށްފައެވެ. މި އިހުތިޖާޖުގައި ރައްޔިތުން ތިބީ ރަށު ބަންދެއްގައި ކަމަށާއި އަވަސް ހައްލެއް ބޭނުންވާ ކަމަށް ވަނީ ގޮވާލައިފައެވެ.