އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ދިވެހި ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާގެ ގޮތުގައި އެސްޓީއޯ އޮތީ ދިވެހި ޓީމާއެކުގައެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ތިބީ ގައުމީ ޓީމާ އެކުގައި ކަމަށެވެ. މި ފަހަރަކީ ރާއްޖެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރާނެ ތިން ވަނަ ފަހަރު ކަމަށާއި މިއީ ދިވެހިންގެ ފަހަރު ކަމަށް އެސްޓީއޯއިން ބުނެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ރާއްޖެ އަދި ކުޅެފައި ވަނީ އެއް މެޗެވެ. އެއީ ނޭޕާލާ އެކު ރާއްޖެ ކުޅުނު މެޗެވެ. އެ މެޗުން ރާއްޖެ ވަނީ ބަލިވެފައި ނަމަވެސް މިރޭ ބަންގްލަދޭޝްއާ އެކު ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ މެޗުން މޮޅު ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މިރޭ ރާއްޖެއާ ބަންގްލަދޭޝް ބައްދަލު ކުރާ މެޗު އޮންނަ އިރު މިއަދަކީ ރާއްޖޭގެ ގައުމީ ދުވަސް ވެސް މެއެވެ. އެހެންކަމުން ދިވެހި ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް ގިނަ ދިވެހިން ތިބީ އަތުކުރި އޮޅާލައިގެންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކުރިއަށް ހުރި މެޗުތަކަށް ބަލާ އިރު، ދެން މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދުވަހު ހަވީރު ރާއްޖެއާއި ސްރީލަންކާގެ މެޗެއް ކުޅޭ އިރު އެރޭ އިންޑިއާއާއި ނޭޕާލް ބައްދަލު ކުރާ މެޗެއް ވަނީ ތާވަލް ކޮށްފައެވެ. އެއަށް ފަހު މި މަހުގެ 13 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާއި ނޭޕާލްގެ މެޗެއް އޮތް އިރު އެރޭ ރައްޖެއާއި އިންޑިއާގެ މެޗެއް ވަނީ ތާވަލް ކޮށްފައެވެ.