އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ރިޔާސަތުން މުޅި ދުނިޔެއަށް ފަތުރުއްވަވާ އުންމީދުގެ ފަސް ދޯދިން ރާއްޖޭގެ ގައުމީ މައްސަލަތަކާ ގުޅިފައިވާ ކަންބޮޑުވުންތަކަށްވެސް ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޝާހިދުގެ ޝަރަފުގައި ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ ހައިސިއްޔަތުން، ޝާހިދު ރާއްޖެއަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި، ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ވަނީ ކޮވިޑުން މިންޖުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަމާ އެހެން ގައުމުތަކުގެ ތަޖުރިބާ ރާއްޖެއަށް މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި، ކުރިއަރާފައިވާ ގައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމަށާ އަދި އދ މަޖިލީހަކީ އެންމެންގެ ހައްގުތަކަށް އިހްތިރާމްކުރާ، އަދި މިހާރަށް ވުރެ އިންސާފުވެރި ހަމަހަމަ އުސޫލަކުން، ހުރިހާ ގައުމުތަކާ މެދު މުއާމަލާތުކުރެވޭ މުއައްސަސާއަކަށް، ވުމަކީވެސް ރާއްޖެއިން އެދޭކަމެއްކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ ޝާހިދު އިންތިޚާބުވެވަޑައިގަތުމަކީ، ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގަނެފައިވާ ކަމުގެ ހެއްކެއްކަމުގައި ވެސް ވިދާޅުވެފައެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު މެންދުރުފަހު ބޭއްވި މި ޖާފަތުގައި ރައީސްގެ ދެކަނބަލުންނާއި ޝާހިދުގެ ދެކަނބަލުންގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.