ރ. ކިނޮޅަހު ބަނދަރުގެ ނެރުމައްޗަށް ވެލި އަރާ މައްސަލަ ހައްލުކޮށްދޭން އެ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ސަރުކާރުގައި އެދެމުން އަންނަތާ 9 އަހަރު ވެއްޖެ ކަމަށް އެ ރަށުގެ ކައުންސިލްގެ ނައިބު ރައީސް ވާފިރު އަހުމަދު ވިދާޅުވެއްޖެއެވެ.
ކިނޮޅަހުގެ އުތުރު ފަރާތުގައި ބަނދަރެއް ހެދުމަށް 2008 ވަނަ އަހަރު ހަވާލުކޮށް، ބަނދަރު ހަދާފައި ވަނީ 2010 ވަނަ އަހަރެވެ. އެ ރަށުގެ ބަނދަރު ހަދާފައިވާ ދިމާލުގައި އޮންނަ ވެލިގަނޑަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެބުރޭ ފަސްގަނޑެއް ކަމަށް ވާފިރު ވަނީ ވިދާޅުވެފައެވެ.
މި ބަނދަރު ހެދީ އެ ރަށުގެ އުތުރު ފަރާތުގައި އޮންނަ ބޮޑު ދޮންވެލިގަނޑުން ބައެއް ނެގުމަށް ފަހު، ބަނދަރާއި ދޮންވެލިގަނޑު ވަކިކުރަން ދެމެދުގައި އިންފާރެއްގެ ގޮތުގައި ހިލަ ޖެހުމަށް ފަހުއެވެ. އެހެންނަމަވެސް 2012 ވަނަ އަހަރު އެ އިންފާރު ހަލާކުވެ، ފަޅަށް ވެލި ވަންނަން ފަށާ މި މައްސަލައާއި ކުރިމަތިލާންޖެހިފައިވާ ކަމަށް ވާފިރު ވިދާޅުވިއެވެ.
ވާފިރު ވިދާޅުވީ އެމްޓީސީސީ އަތޮޅު ފެރީ އާއި އެނޫންވެސް ދަތުރުކުރާ އުޅަނދުފަހަރަށް ބަނދަރަށް ވަނުމުގައި ވަރަށް ދަތިތަކާއި ކުރިމަތިލާން ޖެހިފާވާއިރު، މިހާރު ފެރީގެ ހިދުމަތް ހޯދުމަށް އެ ރަށުގެ މީހުން ކޮންމެ ދުވަހަކު ދެ އިރު ޑިންގީއެއްގައި ދަނީ ޖެހިގެން އޮންނަ ރ.ފައިނަށް ކަމަށެވެ. އަދި މި އިންތިޒާމު ރައްޔިތުންނަށް ހަމަޖައްސައިދީފައިވަނީ ކައުންސިލްގެ ފަރާތުން ކަމަށްވެސް ވާފިރު ވަނީ ވިދާޅުވެފައެވެ.
2012 ވަނަ އަހަރު ފެށިގެން މި މައްސަލަ ހައްލުކޮށްދޭން އެ ރަށުގެ ކައުންސިލުން ސަރުކާރުގައި އެދެމުން އަންނަ ކަމަށާއި 2017 ވަނަ އަހަރު މި މައްސަލަ ދިމާވެގެން ސަރުކާރުން ބާޒަކާއި އެކްސްކަވޭޓަރެއް ފޮނުވައިގެން 80 އަށްވުރެ ގިނަ ބާޒުގެ ވެލި ނެގި ކަމަށް ވާފިރު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ދާއިމީ ހައްލެއް އަދި ލިބިފައެއް ނުވެއެވެ.
މި ސަރުކާރުން އެ ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެކަން ބަޖެޓްގައި ހިމަނާފައިވާ ކަމަށްވެސް ވާފިރު ވިދާޅުވިއެވެ. އަދި އަމަލީ މަސައްކަތް ފެށުމަށް ބަޔަކާއި ހަވާލުކުރަން މަސައްކަތް ކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް، މި މައްސަލަ ހައްލު ނުކުރެވި ގިނަ ދުވަސްތަކެއްވަމުން ދާތީ އެ ރަށު ރައްޔިތުން ވަނީ އިއްޔެ ހިމޭން އިހުތިޖާޖެއް ވެސް ކޮށްފައެވެ. މިކަމާއި ގުޅިގެން ސަރުކާރުން ވަނީ ހާއްސަ އިސްކަމެއްދީގެން މި މައްސަލަ ހައްލުކޮށްދޭން މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ކައުންސިލަށް ދީފައި ކަމަށްވެސް ވާފިރު ވިދާޅުވިއެވެ.
މި އިހުތިޖާޖުގައި ރައްޔިތުން ތިބީ ރަށު ބަންދެއްގައި ކަމަށާއި އަވަސް ހައްލެއް ބޭނުންވާ ކަމަށް ވަނީ ގޮވާލައިފައެވެ.