ސަރުކާރުންދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު މީހަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 14 މީހަކަށް ދީފިއެވެ.

މި އިނާމުތައް ދެއްވީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމް:

  • ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ ދާއިރާ: އަލްމަރްހޫމް އިބްރާހީމް ހުސައިންފުޅުގެ ހަނދާނަށް
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ: ހަސަން ލަބީބު، ކެމީ ސ. ހިތަދޫ
  • ސިއްހީ ދާއިރާ: ޑރ. ހާމިދު ރަޝީދު، މއ. އެވޭލާގެ
  • ކުޅިވަރުގެ ދާއިރާ: މައްލާ ޅަތުއްތު، ހ. ސާވަން
ރޭ އެވޯޑު ލިބުނު ފަރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވޯޑު ހަވާލުކުރައްވަނީ /ފޮޓޯ: ރައީސް އޮފީސް

ހިތްވަރުދިނުމުގެ ގައުމީ އިނާމު:

  • ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ ދާއިރާ: އަލްހާފިޒާ ލަތީފާ އަހުމަދު މާވުލެސް ސ. ހިތަދޫ
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަސް އުނގަންނައިދިނުމުގެ ރޮނގުން: އަބްދުالله ޖަމީލް ވައްވަރުގެ ޅ. ނައިފަރު
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން: ފަތުހުالله އަހުމަދު، މޫރިތިގެ ހއ. އިހަވަންދޫ
  • ތައުލީމީ ދާއިރާއިން، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: ޝަރަފުލްހުދާ މުހައްމަދު، ސީނުގެ، ގއ. ނިލަންދޫ
  • އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން، ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން: އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)، ހއ. އިހަވަންދޫ
  • އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން، މުޖުތަމައުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތައިލުމަށް މަސައްކަތް ކުރުމުގެ ރޮނގުން: މުހައްމަދު ރާޝިދު، މ. ހުސްނޫ
  • ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތައާރުފު ކުރުމުގެ ރޮނގުން: ޔޫސުފް ރިފްއަތު، ނޫވިލު ޅ. ހިންނަވަރު
  • މަސައްކަތްތެރިކަމުގެ ދާއިރާއިން، އެކި ބާވަތުގެ މަސައްކަތް ކުރުމާއި، ކުރިއެރުވުމުގެ ރޮނގުން: ފާތިމަތު ޝިފާ މޫސާދީދީ، ސަރާސަރުގެއާގެ ސ. ހިތަދޫ
  • މުވާސަލާތާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން، ކޮމްޕިއުޓާ ސޮފްޓްވެއާ އާއި، ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީ ކުރުމުގެ ރޮނގުން: ޑރ. މުހައްމަދު ކިނާނަތު، މއ. ބޮޑުދަހަރާގެ
  • ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން: އިބްރާހީމް މުހައްމަދު، ހ. ސްނޯޕީކް
  • ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން: އަލީ ރަޝީދު، ހަނދުވަރީގެ ސ. ފޭދޫ
  • ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން: ފާތިމަތު ސާލިޔާ، ވާރޭވިލާ ހދ. ނޭކުރެންދޫ
  • ވިޝުއަލް އާޓްސްގެ ދާއިރާއިން، ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން) ގެ ރޮނގުން: މައިމޫނާ، މ. މިރިޔާސްގެ
  • ޒުވާނުންގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން: އަރުޝަދު އަޝްރަފް، ހުސްނުހީނާގެ ހއ. ހޯރަފުށި

މީގެ އިތުރުން، ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި މިއަހަރު ފާސްވި ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް ރޭ ވަނީ ދެއްވާފައެވެ.

ރޭ އެވޯޑު ލިބުނު ފަރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވޯޑު ހަވާލުކުރައްވަނީ /ފޮޓޯ: ރައީސް އޮފީސް

މެޑަލް ލިބުނު ހާފިޒުން:

  • ހައްވާ އަނީސާ، މާލެ، ދަފްތަރު ނަންބަރު ރސ 13802
  • ސަލްމާން މުހައްމަދު ލަތީފް، ފެހިގެ، ދ. މީދޫ
  • މުހައްމަދު ނާހިލް އަޒްމީލް، ހުޅުމާލެ، ފްލެޓް އޭ-4-5ސީ
  • ލަތީފާ މުހައްމަދު، ގޯލްޑަން ފްލާވާ، ސ. ހިތަދޫ
  • އާހިލް މުހައްމަދު ޒާހިރު މަލާޒް، ގދ. ތިނަދޫ
  • އާތިފާ އަބްދުލްބާރީ، މާލެ، ދަފްތަރު ނަންބަރު ރސ 12572
  • މުހައްމަދު މިތްޔާޙް ސަލްމާން، ހެވަންލީޑް، ގދ. ތިނަދޫ
  • މުހައްމަދު އަޝްހަމް އަލީ، މއ. އަރިވަރު
  • އައިޝަތު ތޫލާ އަންވަރު، ހުވާސް، ށ. މިލަންދޫ
  • ލައިލް ހުސައިން ހަމީދު، އަލިވާގެ، ދ. ކުޑަހުވަދޫ
  • އައިޝަތު ޝުބާ ޝާހް، ތިމާވެހި، ގދ. ތިނަދޫ
ރޭގެ ރަސްމިއްޔާތުގައި އިނާމު ލިބުނު ފަރާތަކާއެކު ރައީސް ސޯލިހް/ ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ ދިވެހި ޤގައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ އެ ކަންކަމުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަގުސަދުގައިދޭ އިނާމެކެވެ.

ރޭގެ ޖަލްސާގައި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދަށް ވަނީ އަރުވާފައެވެ.