ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.

ޝާހިދަށް އެ ލަގަބު އަރުވާފައި ވަނީ މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޝާހިދަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފްގެ މެޑެލް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ސޯލިހު، ޝާހިދަށް އެ ލަގަބު އަރުވާފައި ވަނީ އދ. ގެ އާންމު މަޖިލީހުުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން މިހާރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރާ ގުޅިގެންނާއި ރާއްޖޭގެ ހާރިޖީ ދާއިރާގެ ކުރިއެރުމަށާ، ބޭރު ދުނިޔޭގައި ރާއްޖޭގެ ތަސައްވުރު ރަނގަޅު ކުރެއްވުމަށާއި ބޭރު ގައުމުތަކުން ރާއްޖެއަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ކުރައްވާ މަސައްކަތް ފާހަގަ ކުރުމަށެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމުގެ މަގާމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ޝާހިދު ރާއްޖެ ވަޑައިގެންނެވީ ރައީސް ދެއްވި ދައުވަތަކަށް މިއަދުއެވެ.

ޝާހިދު ކުރެއްވި ރަސްމީ ދަތުރުގައި ދެބޭފުޅުންވެސް ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭން އިސްކަންދޭނެ ދާއިރާތަކާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމާއި، ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ހުރިހާ ގައުމުތަކެއް ހިމެނޭހެން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ޝާހިދަށް ލިބިވަޑައިގެންފައިވާ ފުރުސަތު ރަނގަޅު ގޮތުގައި ބޭނުން ކުރެއްވުމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް ޝާހިދުގެ ކިބައިނއ އެދިވަޑައިގަތެވެ.