މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އޭވިއޭޝަން ޖެޓް އޭ 1 ފިއުލް އަދި މެރިން ގޭސް އޮއިލް ސަޕްލައިކޮށް ދިނުމުގެ އެއްބަސްވުމެއްގައި އަނެއްކާވެސް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސޮއިކޮށްފިއެވެ.

އެމްއޭސީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ ގޯޑަން އެންޑްރޫ ސްޓޫވާޓްއެވެ.

އެ އެގްރީމެންޓް ގެ ދަށުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް ބޭނުން ވާ އޭވިއޭޝަން ފިއުލް އަދި ޑީސެލް އެސްޓީއޯ އިން ސަޕްލައި ކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެމްއޭސީއެލްއިން ހިންގާ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް އެސްޓީއޯއިން ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުން އިތުރު އެއް އަހަރާ ހަ މަސް ދުވަހަށް އާކޮށްފައިވާއިރު އެސްޓީއޯއިން އެމްއޭސީއެލްއަށް މެދު ނުކެނޑި ތެޔޮ ސަޕްލައި ކޮށްދޭ ތާ ގިނަ އަހަރު ތަކެއް ވެފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް ތެޔޮ ސަޕްލައި ކޮށްދިނުމުގެ އިތުރުން، ކައްދޫ، ކާޑެއްދޫ، އަދި ހަނިމާދޫ އެއަޕޯޓުގައި އޭވިއޭޝަން ރިފިއުލިން ހިދުމަތްދެނީ އެސްޓީއޯއިން ކަމަށެވެ.