ކުރިއަށް އޮތީ ކަރަންޓަށް ކުރާ ޑިމާންޑް އިންތިހާއަށް އިތުރު ވެގެންދާނެ ދުވަސްވަރެއް ނަމަވެސް، ބޯޓު ދެލީގެ ސަޕްލައި ހީނަރުވެ، ހަކަތައިގެ ދަތިކަމުގެ ކާރިސާއަކާ ކުރިމަތިލާން، އަވަށްޓެރި އިންޑިއާއަށް މަޖުބޫރުވެއްޖެއެވެ.

އިންޑިއާގެ ގައުމީ ކަރަންޓު ނިޒާމުގެ 70 ޕަސެންޓް ހިއްސާ ކުރަނީ ބޯޓު ދެއްޔެވެ. ނަމަވެސް ބޯޓު ދެލީގެ ސަޕްލައި، ފާއިތުވީ އަހަރުތަކުގެ ތެރޭގައި ނުދާހާ ދަށަށް ގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބޯޓު ދެލި ބޭނުންކޮށްގެން އޮޕަރޭޓް ކުރާ އިންޖީނު ގެތަކުގައި މިހާރު ހުރީ، ގާޓްގަނޑަކަށް 4 ވަރަކަށް ދުވަހުގެ ސަޕްލައިއެވެ. އަދި 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ ޕްލާންޓް މިހާރުވެސް އޮތީ، ކަރަންޓް ކެނޑިދާނެ ކަމުގެ އެލާޓުގައެވެ.

އިންޑިއާގެ ހަކަތައާ ބެހޭ ވަޒީރު، ރާޖު ކުމާރް ސިންހް ވަނީ، އެ ގައުމަށް ކުރިމަތިލާން ޖެހިފައިވާ ހަކަތައިގެ ދަތިކަމުގެ މި ހައްސާސީ ވަގުތު، 6 މަހެއްހާ ދުވަހަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ހަކަތައާ ބެހޭ އިންޑިއާގެ ވުޒާރާއިން އާންމު ކޮށްފައި ވާ ފަހުގެ މައުލޫމާތަށް ބަލާއިރު، ބޭނުން ވާ މިންވަރަށް ހަކަތަ ނުލިބުމުގެ މައްސަލަ މިހާރުވެސް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ކަރަންޓް ލިބެން ހުރި މިންވަރާ، އެންމެ ޕީކް ގަޑީގެ ޑިމާންޑާ ދެމެދު، 4 ގިގަވޮޓްގެ ފަރަގެއް، ހޯމަ ދުވަހު ރެކޯޑް ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބޯޓު ދެލީގެ ސަޕްލައިއަށް ކުރިމަތިވެފައި ވާ ހީނަރުކަމުގެ އަސަރު، ޗައިނާއަށްވެސް ދަނީ ކުރަމުންނެވެ. ނަމަވެސް، އިންޑިއާއަށް ކުރިމަތިލާން ޖެހޭ ކާރިސާ މާ ބޮޑު ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރެއެވެ.

އޮކްޓޯބަރު މަހުގެ ފަހުކޮޅުން ފެށިގެން ދީނީ އެކި ކަހަލަ މުނާސަބާތައް އިންޑިއާގައި އިންތިހާއަށް އިތުރުވެގެން އަންނައިރު، ސިނާއީ އަދި ގޭބިސީ ފެންވަރުގައި ހަކަތަ ބޭނުން ކުރާ މިންވަރު، އެ ގައުމުގައި އިތުރުވެއެވެ. އަދި ނަގަހައްޓަމުން އަންނަ ދުނިޔޭގެ 3 ވަނަ އިގުތިސޯދުގެ މި ދުވެއްޔަށް މަޑުޖެހުމެއް އައުން އެކަށީގެން ވާ ކަމަށްވެސް ލަފާ ކުރެވެއެވެ.

އިންޑިއާގައި ބޯޓު ދެލި ނެގުމަށް ކުރާ މަސައްކަތަށް އެންމެ ބޮޑު ހުރަހެއް އެޅުނީ، މޫސުމީ ވިއްސާރައިގެ ތެރޭގައި، އިރުމަތީ އަދި މެދު ތެރޭ ސްޓޭޓްތަކުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުންނެވެ. އިންޑިއާ ސަރުކާރުން ވަނީ ސަޕްލައިގެ ދަތިކަން ހައްލު ކުރުމަށްޓަކާ، ބިޑް އުސޫލުން ސަޕްލައި ވިއްކުމުގެ ހުއްދަ ދިނުމަށްވެސް ނިންމާފައެވެ.