15 ވަނަ ޔޫއެންޑަބްލިއުޓީއޯގެ އޭޝިއާ/ޕެސިފިކް އެގްޒެކެޓިވް ޓްރެއިނިންގް ޕްރޮގްރާމް އޮން ޓޫރިޒަމް ޕޮލިސީ އެންޑް ސްޓްރެޓަޖީ ފަށައިފިއެވެ.

ޕެރެޑައިސްއައިލެންޑް ރިޒޯޓް އެންޑް ސްޕާގައި އެ ޕްރޮގުރާމް ފެށުމަށް ބޭއްވި ރަސްމިޔާތުގައި ޔޫއެންޑަބްލިއުޓީއޯގެ އޭޝިއާ/ޕެސިފިކްގެ 7 ގައުމަކުން 11 ބައިވެރިން ބައިވެރި ވެއެވެ. އަދި 18 ގައުމަކުން 37 ބައިވެރިން އޮންލައިންކޮށް ވެސް ބައިވެރިވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

15 ވަނަ ޔޫއެންޑަބްލިއުޓީއޯގެ އޭޝިއާ/ޕެސިފިކް އެގްޒެކެޓިވް ޓްރެއިނިންގް ޕްރޮގްރާމް އޮން ޓޫރިޒަމް ޕޮލިސީ އެންޑް ސްޓްރެޓަޖީ ފެށުމުގެ ރަސްމިއްޔާޓުގެ ތެރެއިން / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އެޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފާވަނީ މިއަދުން ފެށިގެން މިމަހު 7 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޕްރޮގްރާމް ފެށުމަށް މިއަދު އޮތް ރަސްމިއްޔާތު، ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީ އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމު ޝަރަފުވެރި ކޮށްދެއްވި އިރު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ވަނީ ކޮވިޑް-19 ގެ ދަތި ހާލަތުން އަރާގަތުމުގައި ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ.

އަދި ދުނިޔޭގެ ފަތުރުވެރިކަން ކުރިއެރުމަށްޓަކާ ދިވެހިރާއްޖެ އާއި އެހެނިހެން ގައުމުތަކުގެ އިސްވެރިން ކުރަމުންދާ މަސައްކަތްތަށް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ޔޫއެންޑަބްލިއުޓީއޯގެ ފުރިހަމަ އެއްބާރުލުން އަބަދު ވެސް ލިބެމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން އެ ޓްރޭނިންގް ޕްރޮގްރާމްގެ ތެރެއިން ލިބޭ މައުލޫމާތުގެ ސަބަބުން ހުރިހާ ބައިވެރިންނަށް ވެސް ޑޮމެސްޓިކް ފަތުރުވެރިކަން މެދުވެރިކޮށް ފަތުރުވެރިންނަށާ ރަށްވެހިންނަށް ލިބޭ މަންފާ އިތުރު ކުރެވޭނެ ގޮތްތައް އެނގިގެންދާނެކަން ވެސް ސެކްރަޓަރީ ޖެނެރަލް ފާހަގަކުރެއްވިއެވެ.

މައުސޫމްގެ ވާހަކަގައި ދިވެހިރާއްޖޭ ޓޫރިޒަމް ޕްރޮޑަކްޓް "ވަން އައިލެންޑް ވަންރިޒޯޓް" ކޮންސެޕްޓުގެ ސަބަބުން އެހެން ގައުމުތަކާ ވާދަކުރުމުގައި ލިބޭ ބޮޑެތި ފައިދާތަކާ، އެހެން މާކެޓްތައް ރާއްޖެ ގެނައުމަށްޓަކާ ޓޫރިޒަމް ސިންދަފާތުކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމާއެކު، ރަށު ފަތުރުވަރިކަން ކުރިއަރުވާ މާކެޓްކުރުމުގެ މުހިއްމުކަން ފާހަގަ ކުރެއްވިއެވެ.