"އިހްލާސްތެރި ޕާޓީ މޯލްޑިވްސް" އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ހުއްދަ މިއަދު ބާތިލްކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ "އިހްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް، މ.ކެލަން, މުހައްމަދު އިސްމާއިލަށް އޮކްޓޯބަރު 3، 2021 ގައި އެ ކޮމިޝަނުން ދީފައިވާ ހުއްދަ އެފަރާތުން އެދިގެން ބާތިލް ކުރުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން މުހައްމަދު ކަރިޝްމާ ޕާޓީގެ ނަމުގަ ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހެޅި ނަމަވެސް، އެ ޕާޓީ އުފައްދަން ހުއްދަ ނުދިނީ ނަން ކަމުނުދާތީ އާއި، ފޯމާ އެކު ހުށަހެޅި ބައެއް ލިޔެކިއުންތައް ފުރިހަމަ ނުވުމުގެ ސަބަބުން ކަމަށްވެސް އޭރު އީސީން ބުންޏެވެ.

ދާދިފަހުން އީސީން ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގަ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައެވެ. މީގެ އިތުރުން އަބްދުﷲ ކަމާލުއްދީން އިސްވެ އުފައްދަވާ އެއްބައިވަންތަކަމުގެ ޕާޓީ އުފައްދަންވެސް އެ ކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ.

މިހާތަނަށް ރަޖިސްޓްރީ ކުރި ޕާޓީތަކުގެ ތެރެއިން ރާއްޖޭގަ އެންމެ ފުޅާކޮށް ސިޔާސީ ހަރަކާތްތައް ހިންގަނީ ވެރިކަން ކުރާ އެމްޑީޕީންނާއި، އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިތުރުން، އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމެވެ.