އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލައި، މީހަކު ވަގަށް ވަންނަން އުޅުނު ކަމުގެ މައްސަލަ މަޖިލީހުން ބެލުމަށް ނިންމައިފިއެވެ.

އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ވެއްދުމަށް ފަހު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލި މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވައި، އެކަން ހިނގައިދިޔަ ގޮތް ބެލުމަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މައްސަލަ ހުށަހެޅުއްވުމަށް ފަހު، ސިރާޖު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިންތާ ފަސް މަސްދުވަސް ވެފައި ނުވާއިރު، އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަންނަން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ރައްޔިތުންގެ ސަލާމަތާއި މެދު ސުވާލު އުފެދޭ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

އެ މައްސަލާގައި ބަހުސް ކުރުމަށް ފާސްވީ ހާޒިރުވި މެމްބަރުންގެ ތެރެއިން 28 މެމްބަރުންގެ ވޯޓުންނެވެ.

އެ މައްސަލައާއި ގުޅިގެން އިއްޔެ 45 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް، އޭނާއަށް ހަތް ދުވަހުގެ ބަންދެއް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އިއްޔެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެ މައްސަލާގައި ތުހުމަތުވާ ފަރާތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މީހަކު މަސައްކަތް ކޮށްފައިވާއިރު، މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ނަޝީދު އަވަހާރަކޮށްލަން، އެމަނިކުފާނުގެ ގެކޮޅު ކައިރީ ބަޔަކު ވަނީ އައިއީޑީއެއް ގޮއްވާލާފައެވެ. ލިބިވަޑައިގެންފައިވާ ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށްޓަކައި އެމަނިކުފާނު މިވަގުތު ހުންނެވީ ޔޫކޭގައެވެ.